ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވަން ހުޅަނގުން ކިތަންމެ ބޭނުންވި ނަމަވެސް އެއީ ކުރިއަށް އޮތް ދެތިން ހަފުތާއެއްހާ ދުވަސް ތެރޭގައިވެސް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ ކަމަށް ފަރަންސޭސި ރައީސް އިމަނުލެއް މެކްރޮން ވިދާޅުވެއްޖެ އެވެ.
ބެލްޖިއަމްގެ ވެރިރަށް ބުރްސެލްސްގައި އޮތް އީޔޫ ސަމިޓުން އަވަދިވެވަޑައިގެން މެކްރޮން ވިދާޅުވީ ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވުމާ މެދު އޭނާ ވަކި ގޮތެއް ނިންމަވަނީ ނޫން ކަމަށާއި -- ފައިޓަރު ޖެޓަކީ ޔުކްރޭނަށް މިވަގުތު ބޭނުންވާ އެއްޗެއްތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
އީޔޫ ސަމިޓްގައި ޔުކްރޭންގެ ރައީސް ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގަތެވެ.
ޔުކްރޭނުން ކަމަކަށް އެދިއްޖެނަމަ ބޮލާލާއި ޖައްސަވަނީ ނޫން ކަމަށްވެސް މެކްރޮން ވިދާޅުވި އެވެ.
މެކްރޮން ވިދާޅުވީ ޔުކްރޭނަށް މިހާރު ފޯރުކޮށްދެއްވަމުން ގެންދަވާ އެހީގެ ތެރެއިން ފައިޓަރު ޖެޓްތައް ފޯރުކޮށްދެއްވުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވެދާނެ ކަމަށެވެ. ހުޅަނގުން ވިސްނަނީ ޔުކްރޭން ދެމެހެއްޓުމަށް ކަމަށާއި ގައުމުތަކުން މިހާރު ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން އެ ބޭނުމަށް ފުދޭނެ ކަމަށެވެ.
ޔުކްރޭނަށް ފައިޓަރު ޖެޓްތައް ފޮނުވަން ހުޅަނގުން ވަކި ގޮތެއް ނިންމައިފިނަމަ ފްރާންސް ވެސް އެކަމުގައި ބައިވެރިވާނެ ކަމަށް މެކްރޮން ކުރިން ވިދާޅުވި އެވެ. އެހެންނަމަވެސް އޭނާ ވިދާޅުވީ ފައިޓަރު ޖެޓްތައް ފޮނުވުމަކީ އަދި ތާވަލުކުރެވިފައިވެސް އޮތް ކަމެއް ނޫން ކަމަށެވެ.
ރަޝިއާގެ ހަމަލާތަކަށް ރައްދު ދިނުމަށް ޔުކްރޭނަށް ޓޭންކްތައް ބޭނުންވާ ކަމަށް ބުނެ ދެކެވުނު ވާހަކަތާ ގުޅިގެން -- ޔުކްރޭނަށް ޓޭންކް ފޮނުވުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.
ފައިޓާރު ޖެޓަކީ ވެސް ރަޝިއާގެ ކިބައިން މިނިވަންވުމަށް ޔުކްރޭނަށް ބޭނުންވާ ހަތިޔާރެއް ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ.