ދުނިޔެ

ޔޫރަޕިއަން ކޮމިޝަނުން ޔުކްރޭނަށް އެހީވަނި ސިޔާސަތުން ބޭރުން: ސާކޯޒީ

ޔޫކްރެއިން އަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ޔޫރަޕިއަން ކޮމިޝަނުން މިހާރު އަމަލުކުރަމުން ގެންދަނީ އެ ޖަމާއަތަށް ކުރެވެން އޮންނަ މިންވަރަށް ވުރެ އިތުރަށް -- ސިޔާސަތުން ބޭރުން ކަމަށް ފަރަންސޭސި ވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ވިދާޅުވެއްޖެ އެވެ.

ސާކޯޒީ ވިދާޅުވި ގޮތުގައި ޔޫރަޕިއަން ކޮމިޝަންގެ އަސާސަކީ ހާރިޖީ ސިޔާސަތުގައި ވެސް ސިޔާސީވުން ކަމަށާއި މައިގަނޑު ގޮތެއްގައި އެއީ ސިޔާސީ ޖަމާއަތެއް ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑަ ލޭޔަން ހަތިޔާރު ހޯދުމާއި ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ރިޔާޔަތް ކުރައްވަނީ ޔޫރަޕިއަން ކޮމިޝަންގެ ކޮން މާއްދާއަކަށް ކަން ވިސްނިވަޑައި ނުގަންނަވާ ކަމަށްވެސް ސާކޯޒީ ވިދާޅުވި އެވެ.

އެކަމަނާގެ ގާބިލުކަން ދެއްކެވުމުގައި އިމެއް ނެތި އަދި ވަކި މާއްދާއަކަށް ބެލުމެއް ނެތި އަމަލުކުރެއްވޭތޯ ވެސް ސާކޯޒީ ސުވާލު ކުރެއްވި އެވެ.

ސާކޯޒީ ވިދާޅުވީ ޔޫކްރޭނުގައި އަސްކަރީ ހަމަނުޖެހުން އުފައްދަން މަގުފަހި ކުރުވާ ބަޔަކަށް އީޔޫ ވެގެން ނުވާނެ ކަމަށެވެ. އަދި އީޔޫއިން އެކަމަށް ވަރަށް ސަމާލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޔޫރަޕަށް ނިސްބަތްވާ މީހެއް ނަމަ މިއަދު އޮތް ކަންބޮޑުވުމަކީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމަށް މިހާ ފައިސާއެއް -- އެހާ ފައިސާއެއް ކަޑައަޅައިފި ކަމަށް ބުނާ ވާހަކަ ކަމަށް ވެސް ސާކޯޒީ ވިދާޅުވި އެވެ.

މީގެ މާނަ އަކީ ޔޫރަޕިއަން ކޮމިޝަންގެ ވިސްނުމުގައި ނެތް ނަމަވެސް މަރުވާ މީހުން އިތުރުވުމާއި ހަނގުރާމަ ދިގުލައިގެން ދިއުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން އެ އޮތީ ބަނގުރޫޓުވެފައި ކަމަށާއި ރުޅިވެރި ކަމާއި ނަފުރަތު ނޫން ކަމެއް -- ޔޫރަޕުން ފޯރުކޮށްދޭ ހަތިޔާރުގެ ސަބަބުން ނުއުފެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުރުސެލާ ވޮން ޑާ ލޭޔަން ވިދާޅުވި ގޮތުގައި އީޔޫއިން 2023 ވަނަ އަހަރު ވެސް ޔޫކްރެއިން އަށް މާލީ އެހިތެރިކަން ފޯރުކޮށްދޭނެ އެވެ. އެއީ ގާތްގަނޑަކަށް 17.7 ބިލިއަން ޑޮލަރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޔޫރަޕްގެ ގައުމުތަކުން ބައިވެރިނުވާ ކަމަށް ބުނަމުން އަންނައިރު، ކިޔެވްގައި އޮތް ސަރުކާރު ދެމެހެއްޓުމަށް ހަތިޔާރާއި ފައިސާ ދިނުމުން އެ ޖެހެނީ ކޮންތާކު ކަމެއް ޔޫރަޕަކަށް ނޭނގެ އެވެ.

ހުޅަނގުގެ ގައުމުތަކުގެ މުނާފިގުކަމާ މެދު މޮސްކޯ ވަނީ ތަކުރާރުކޮށް މަލާމާތްކޮށްފަ އެވެ. ކިއޭވް އަށް އަސްކަރީ ހަތިޔާރު ފޯރުކޮށް ދިނުމުގެ ސަބަބުން ހަމަނުޖެހުން ދިގުދެމިގެން ދާނެ ކަމުގެ އިންޒާރު މޮސްކޯއިން ވަނީ އެތަކެއް ފަހަރު ދީފަ އެވެ.