ދުނިޔެ

ޔޫއޭއީގެ ރައީސް 737 ކުށްވެރިންނަށް މާފުދެއްވައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާން، ބޮޑުއީދާ ދިމާކޮށް 737 ކުށްވެރިންނަށް ދޫކޮށްލުމަށް އަމުރު ކުރައްވައިދި އެވެ.

އެމިރޭޓްސް ނިއުސް އޭޖެންސީން ބުނި ގޮތުގައި އީދުގެ ކުރިން، ކުށްވެރިންނަށް މާފުދިނުމަށް ރައީސް އެދިވަޑައި ގެންނެވި އެވެ.

ކުށްވެރިންނަށް މާލީ ދަތިތަކުގައި އެހީތެރި ވެދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އެމިރޭޓްސް ނޫން އޭޖެންސީން ވަނީ ބުނެފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ ކުށްވެރިންނަށް ވަރަށް ތަފާތު ގޮތް ގޮތަށް ލުއިދޭ ގައުމެކެވެ. ދީނީ އަދި ގައުމީ މުނާސަބަތު ތަކުގައި ވެސް ކުށްވެރިންނަށް ބޮޑެތި ލުއިދީ އެހީ ފޯރުކޮށް ދިނުމުގައި ޔޫއޭއީ އަކީ ގަލްފުގައި ސައޫދީއަށް ދޫނުކުރާ ގައުމެެކެވެ.

ޔޫއޭއީގެ ކުރީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަހްޔާން، މެއި 13، 2022 ގައި އަވަހާރަވުމުގެ ކުރިން -- މިދިއަ އަހަރު ނޮވެމްބަރުގައި، 870 ކުށްވެރިންނަށް މާފުދެއްވުމަށް އަމުރުކުރެއްވި އެވެ.

އަދި މިއަހަރުގެ ރޯދަމަހާ ދިމާކޮށް ވެސް 540 ކުށްވެރިއަކަށް މާފުދެއްވި އެވެ.

މިފަހަރު ބޮޑުއީދާ ދިމާކޮށް ކުށްވެރިންނަށް މާފުދީ އަދި އެހެނިހެން ލުއިދިނުމުގެ ބޭނުމެއް ކަމަށް، ރައީސްއާ ހަވާލާ ދެއްވައި ޚަބަރު އޭޖެންސީ ބުނީ އާއިލީ ގުޅުން ބަދަހިކުރުމާއި އިސްލާމީ އުންމަތުން ފާހަގަކުރާ ބޮޑެތި އުފާތަކުގައި އާއިލާތައް ބައިވެރިކުރުން ކަމަށެވެ.

ބޮޑުއީދާ ދިމާކޮށް ދޫކޮށްލާ ކުށްވެރިންގެ ތެރޭގައި ތަފާތު އެކި ކުށް ތަކުރާރު ކޮށްފައި ތިބި ކުށްވެރިން ހިމެނެ އެވެ. އަދި އެއްފަހަރަށް ވުރެ ގިނަ ފަހަރު ޖަލަށް ލާފައި ތިބި ކުށްވެރިން ހިމެނޭ ކަމަށް ވެސް އެމިރޭޓްސް ޚަބަރުތައް ބުނެ އެވެ.