ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މަޝްވަރާއަށް ސާދު ހަރީރީ އަބޫދާބީއަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ޝަރުތެއް ނެތި ލުބްނާން ރައްޔިތުންނަށް އެހީތެރިވާނެ ކަމަށް، އަބޫ ދާބީގެ ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ވިދާޅުވެއްޖެ އެވެ. އެމަނިކުފާން މިހެން ވިދާޅުވީ ލުބްނާންގެ ބޮޑުވަޒީރުކަން ވަގުތީ ގޮތުން ހަވާލު ކުރައްވާފައި ހުންނެވި ސާދު ހަރީރީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަމުންނެވެ.

"ލުބްނާންގެ ހަމަޖެހުމަށް އަޅުގަނޑުމެން ތާއީދުކުރަން އަދި ސަޕޯޓްކުރަން،" ޕްރިންސް ވިދާޅުވި އެވެ. "ލުބްނާންގެ ރައްޔިތުންނަށް އެހީތެރިވުމާއި ގައުމުގެ އެއްބައިވަންތަކަމަށް އެއްބާރުން ދޭނަން"

ދެ ވެރިންގެ ބައްދަލުވުމުގައި ލުބްނާންގައި އާ ސަރުކާރެއް އެކުލަވައިލުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސާދު ހަރީރީ ޕްރިންސްއަށް މައުލޫމާތު ދެއްވި އެވެ. ސަރުކާރު އެކުލަވާލުމުގައި ލުބްނާނަށް ކަމެއް ކޮށްދެވޭ ފެންވަރުގެ ބޭފުޅުން އިޚުތިޔާރު ކުރެއްވުމަށް ސާދު ހަރީރީއަށް ޕްރިންސް ވަނީ ދަންނަވާފަ އެވެ. ލުބްނާންގައި މިހާރު ހުރި ދަތިތައް ނައްތާލައި ބައިނަލްއަގްވާމީ މަޝްރަހަށް ގައުމު އަލުން ނެރެން މަސައްކަތް ކުރެވޭ ފެންވަރުގެ ކެބިނެޓެއް މުހިންމު ކަމަށް ވެސް ޕްރިންސް ދެންނެވި އެވެ.

ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުންޅުން މަޝްވަރާ ކުރެއްވި އެވެ. ކޮވިޑާ ހެދި ދުނިޔޭގައި އޮތް ހާސްކަން ފަސޭހަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކަށް އަލިއަޅުވާލި ކަމަށް ވެސް އެމިރޭޓްސް ނިއުސް އޭޖެންސީން ބުންޏެވެ.

ޔޫއޭއީން ލުބްނާންއަށް ފޯރުކޮށްދޭ އެހީތެރިކަމަށާއި ކޮވިޑުން އަރައިގަތުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ސާދު ހަރީފީ ޝުކުރު އަދާު ކުރެއްވި އެވެ. އަދި ޔޫއޭއީން މާސްއަށް ފޮނުވި އުޅަނދު ހޯދި ކާމިޔާކީ އުންމީދީ މަސައްކަތެއް ކަމަށާއި ޖައްވީ މަސައްކަތްތަކުގައި ޔޫއީއަށް ކުރިއެރުމަށް ހަރީރީ އެދިވަޑައިގަތެވެ.