ދުނިޔެ

"މުދާ އުފުލާ ބޯޓަށް ހޫތީން އަރައިގަތުން ކުށްވެރި ކުރަން"

ޔަމަނުގެ ހުޅަނގު އައްސޭރީގެ ބޭރުން މުދާ އުފުލާ ބޯޓެއް ހޫތީން ޖަހައިގަނެ ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އެ ޖަމާއަތުން ބުނާ ގޮތުން ބޯޓުގައި ހުރީ ހަތިޔާރާއި އަސްކަރީ އާލާތްތަކެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޫތީންގެ މި އަމަލުތައް ކުށްވެރިކޮށް ނުރުހުމުގެ ބަޔާނެއް ވަނީ ނެރެފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވި ގޮތުގައި ހޫތީންގެ ކަންތައް މިހާރު މާ ބޮޑުވެއްޖެ އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ސުުލްހައަށްޓަކައި އެއްމޭޒު ދޮށަށް މަޝްވަރާއަށް ގޮވާލާފައި ވަނިކޮށް މިފަދަ ކަމެއް ކުރުމަކީ ގޮތް ދޫނުކުރުމެވެ.

ބޯޓުގައި ހުރި އެއްވެސް އެއްޗަކަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ނުދީ އަދި ފަޅުވެރިންނަށް އެއްވެސް ގޯނާއެއް ނުކޮށް ވަގުތުން ދޫކޮށްލަން ތަރުޖަމާން ގޮވާލެއްވި އެވެ.

މުދާ އުފުލާ ބޯޓު ދަތުރުކުރަމުން ދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ދިދައިގެ އެހީގަ އެވެ. އެއީ ކޮން ގައުމަކަށް މުދާ އުފުލައިދޭ ބޯޓެއްކަން ހޫތީންނަށް އެނގުމުން ބޯޓު ޖަހައިގަނެ ވަނީ ފަޅުވެރިންނާއެކު ހުދައިދާގެ ބަނދަރުގައި ހިފަހައްޓާފަ އެވެ.

ޔޫއޭއީ ބުނާ ގޮތުން ބޯޓުގައި ހުރީ ބޭސްވެރިކަމާ ގުޅޭ ސާމާނެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި ބޯޓުގައި މުޅިހެން ހުރީ ޔަމަންގެ ސަގަތުރާގައި ސައޫދީން ހިންގާ ހޮސްޕިޓަލް ތަކަށާއި ސިއްހީ ކްލިނިކްތަކަށް ބޭނުން ޖެހިފައި ހުރި ސިއްހީ ފަރުވާއާ ގުޅުން ހުރި ސާމާނެވެ.

ޝިއީންގެ އަތްދަށް ޔަމަން ދިޔަ ނުދިނުމަށް ސައޫދީ އާއި ބައިވެރިން އީރާނުން މަދަދުވެރިވާ ހޫތީންނާ ދެކޮޅަށް 2014 ގައި ފެށި ހަނގުރާމަ ދިގުލައިގެން ގޮސް ވަނީ ގެއްލުން ބޮޑު ކާރިސާއަކަށް ބަދަލުވެފަ އެވެ.

ހޫތީން އެގޮތުގައި ސައޫދީ އަރަބިއްޔާ އަށާއި ވަށައިގެން އޮތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދެނީ އީރާނުން އެކަމަށް އެދޭތީ އެވެ. އީރާންގެ ބޭނުންމަކީ ހޫތީން މެދުވެރިކޮށް ސަރަހައްދުގައި އަލިފާން ޖަހައި މުޅި ޔަމަން ކޮންޓްރޯލް ކުރުމެވެ. އަދި އީރާނުން އެދޭ ގޮތަށް ޔަމަންގެ ސަރުކާރު އެކުލަވާލުމެވެ.