ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީއަށް ހޫތީން އިއްޔެ ހަމަލާ ދިނުމާ ގުޅިގެން އަރަބި ކޯލިޝަނުން ބަދަލު ހިފަން ނުކުމެއްޖެ އެވެ.
އީރާންގެ މަދަދާއެކު ޔަމަންގައި ވަކި ސަރުކާރެއް ގާއިމު ކުރަން ހަނގުރާމަކުރާ ހޫތީން އަބޫދާބީއަށް ދިން ޑްރޯން ހަމަލާތައް ދެތިން ތަނަކަށް އަމާޒުވި ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.
މި ހަމަލާގައި ތިން މީހަކު މަރުވެ ހައެއްކަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށް ޚަބަރުތައް ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ ދެމީހަކާއި ޕާކިސްތާން މީހެކެވެ. ޔޫއޭއީ އަކީ އެ ދެ ގައުމުގެ މަސައްކަތްތެރިން ވަރަށް ގިނަ ގައުމެކެވެ.
އަބޫދާބީއަށް ހޫތީން ދިން ހަމަލާތަކުގައި މުސައްފާހް ސަރަހައްދުގައި ހުންނަ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ ތެޔޮ ރައްކާކުރާ ތަނެއްގައި ހުޅުހިފައި ގެއްލުން ލިބުނު ކަމަށް ވެސް އަބޫދާބީ ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.
ހޫތީން ޑްރޯން މެދުވެރިކޮށް އަބޫދާބީއަށް ދިން ހަމަލާގައި އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސަރަހައްދަކަށް ވެސް ގެއްލުން ލިބުނު ކަމަށްވެ އެވެ.
އަބޫދާބީއަށް ހަމަލާދީނީ ހޫތީން ކަމަށް އެމީހުން އެއްބަސްވެ އެވެ. އަދި އިތުރު ހަމަލާތަކަށް އަބޫދާބީ ތައްޔާރުވުމަށް ވެސް ބާޣީން އޮތީ ގޮވާލާފަ އެވެ.
ޔޫއޭއީއަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމަށް އަރަބި ކޯލިޝަނުން ނުކުމެއްޖެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަރަބި ކޯލިޝަންގެ އަމާޒަކީ ޔަމަންގެ ވެރިރަށް ސަންއާގައި ފިލާތިބި ހޫތީ ބާޣީންނެވެ.
ހޫތީންނަކީ މެދުކެނޑުމެއް ނެތި ސައޫދީގެ އަވަށްތަކަށް ހަމަލަދޭ ބައެކެވެ. އެހެން ނަމަވެސް މިއީ ޔުއޭއީއަށް ހޫތީން ހަމާލާދިން ފުރަތަމަ ފަހަރެވެ.
ޔޫއޭއީއަށް ހަމަލާދީ ހޫތީންގެ ބާރު ސަރައްދަށް ފުޅާ ކޮށްފާނެ ކަމަށް މިހާރު ބިރު އުފެދިފައި އޮތްއިރު ހޫތީންނާ މެދު ދުނިޔެ ވަކި ގޮތެއް ނިންމަފާނެ ދެހާލަތަށް އެމީހުން ވެއްޓުނީ އެވެ.
ޔޫއޭއީއަށް ނިސްބަތް ކުރެވޭ މުދާއުފުލާ ބޯޓެއް ހޫތީން ހިފެއްޓި މައްސަލަ ވެސް އޮތީ ގައުމުތަކުގެ ސަލާމު ކަމަށް އައިސްފަ އެވެ.
ބޯޓުގައި ތިބި އިންޑިއާ ފަޅުވެރިން ދޫކޮށްލަން އިންޑިއާ ގޮވާލާފައި އޮއްވައި، ބޯޓު ދޫކޮށްލަން އދ. އިން ވެސް ވަނީ ހޫތީންނަށް ގޮވާލާފަ އެވެ.
ހޫތީންނަށް ހަތިޔާރާއި ގުޅުން ހުރި އާލާތްތައް ފޯރުކޮށް ދެނީ އީރާނުންނެވެ. ލުބްނާންގެ ހިޒްބުﷲ ޖަމާއަތަކީ ހޫތީން ލައްވައި ސަރަހައްދީ މަސްލަހަތު ނަގާލަން މަސައްކަތްކުރާ ބައިގަނޑެކެވެ.
އީރާން އާއި ސައޫދީން ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް އެމްބަސީ ހުޅުވާ ހިސާބަށް އާދެވިފައި އޮތްއިރު ސައޫދީ އާއި އަަރަބި ކޯލިޝަންގައި ހިމެނޭ ގައުމުތަކަށް ހަމަލާދޭން އީރާން ވާގިވެރިވުމަކީ ބޮޑު މައްސަލައަކަށް ވާނެ ކަމެކެވެ.