ދުނިޔެ

ޔޫއޭއީގެ ދިފާއުގައި ފްރާންސްގެ ރަފާލް ޖެޓްތައް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ ސަރަހައްދު ބަލަހައްޓައި ދިނުމަށް ފްރާންސުން ރަފާލް މަރުކާގެ ހަނގުރާމަމަތީ ފައިޓަރު ޖެޓްތައް ފޮނުވާނެ ކަމަށް ބުނެފި އެވެ.

ފްރާންސުން ބުނީ ބޯޑަރު ހުރަސްކޮށް ޔޫއޭއީއަށް މިސައިލާއި ޑްރޯނުން ހަމަލާ ދޭ މީހުންނާއި އެމީހުން އުޅޭ ތަންތަނުގައި ހުނިޖަހައި ދިފާއީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޔަމަނުގައި އަމިއްލަ ސަރުކާރެއް އުފައްދަން މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއްޔާ އަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދެމުން ގެންދާ ހަމަލާތައް އާންމުންނަށް އަމާޒުވެ އެގައުމުތަކުގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

ހޫތީން އަބޫދާބީގެ ތެޔޮ ކުންފުންޏަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާން މީހުން ހިމެނެ އެެވެ.

ފްރާންސްގެ ޑިފެންސް މިނިސްޓަރު ފްލޮރެންސް ޕާލީ ވިދާޅުވި ގޮތުގައި ޔޫއޭއީއަކީ އިގުދިސޯދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް ވަރަށް ގާތް ގައުމެކެވެ. އެހެންކަމުން ޔޫއޭއީގެ ދިފާއުގައި ފްރާސް ދެމިއޮތުމަށް ޓަކައި އަސްކަރީ ޖެޓްތައް ފޮނުވަނީ އެވެ.

އަސްކަރީ ގޮތުން ޔޫއޭއީއަށް ތަރުހީބު ދޭނެ ކަމަށް ފްރާންސްގެ އިތުރުން އެމެރިކާ ވެސް އޮތީ ބުނެފަ އެވެ. ޔޫއޭއީއަށް ހަނގުރާމަމަތީ އާގުބޯޓުތަކާއި ފައިޓަރު ޖެޓްތައް ފޮނުވާނެ ކަމަށް އެމެރިކާ ވެސް އޮތީ ބުނެފަ އެވެ.

ފްލޮރެންސް ޕާލީ ވިދާޅުވި ގޮތުން ރަފާލް ޖެޓްތައް ޔޫއޭއީގެ އެއާބޭސްތަކުގައި ގާއިމުވެ ތިބޭނެ އެވެ. އަދި ޔޫއޭއީގެ އަސްކަރިއްޔާއާ އެކު ވައިގެ ސަރަހައްދު ދިފާއު ކުރުމުގައި މަސްއޫލްވާނެ އެވެ.

ސައޫދީ އަރަބިއްޔާއަށް ކޮންމެ ދުވަހަކުހެން ހޫތީން ހަމަލާދިން ނަމަވެސް ޔޫއޭއީއަށް މިއަހަރު ޖެނުއަރީގެ ކުރިން ހަމަލަލެއް ނުދެ އެވެ. ޔޫއޭއީއަށް ހަމަލާދޭން ފެށީ ޔޫއޭއީން މަދަދުވެރިވާ ޔަމަންގެ ބާރުތަކުން ހޫތީންނަށް ހަމަލާދިނުން އިތުރުކުރުމުންނެވެ.

ހޫތީ ހަނގުރާމަވެރިންނަށް މަދަދުވެރި ވަނީ އީރާނުންނެވެ. އީރާނުން މިކަން ގަބޫލު ނުކުރި ނަމަވެސް ހޫތީން ބޭނުންކުރާ ހަތިޔާރައި ޑްރޯން އަދި އަސްކަރީ އާލާތްތައް އީރާނަށް ނިސްބަތްކުރެވޭ ފާހަގަތައް ހުރެ އެވެ.

އަނެއްކޮޅުން ހޫތީން ތަމްރީން ކުރުމާއި ހަތިޔާރު ބޭނުންކުރާނެ ގޮތް ކިޔައިދީ ހަދަނީ ލުބްނާންގައި ތިބި ހިޒްބުﷲ ޖަމާއަތުންނެވެ. ހިޒްބުﷲ އަކީ 100 ޕަސެންޓް އީރާނަށް ނިސްބަތްކުރެވޭ ޖަމާއަތެކެވެ.