ދެ ގައުމުގެ ދެމެދުގައި ހުރި ޚިލާފުތައް އެއްފަރާތް ކޮށްފައި ސައޫދީއާ މަޝްވަރާ ކުރަން ތައްޔާރު ކަމަށް އީރާންގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ.
ރައީސީ ވިދާޅުވީ ޚިލާފުތަކާ މެދު އެއްބަސް ވެވެންދެން މަޝްވަރާ ކުރައްވާނެ ކަމަށާއި އިހްތިރާމާއި އަޅާލުމާއެކު ކުރެވޭ މަޝްވަރާތަކުން ހަރުދަނާ ނަތީޖާއަކަށް ވާސީލްވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
ސައޫދީން އީރާންއާ ގުޅުން ކަނޑާލީ ޖެނުއަރީ 2016 ގައެވެ. ދެ ގައުމުގެ ދެމެދުގައި މައްސަލަޖެހި އެމްބަސީ ބަންދުކުރާ ހިސާބަށް ދިޔައީ އީރާންގެ ޝީއީ އިލްމްވެރިޔާ، ބާގިރު ނިމްރަށް ސައޫދީން މަރުގެ ހުކުމް އިއްވައި ތަންފީޒު ކުރުމާ ގުޅިގެންނެވެ.
އީރާނުން މިކަމާ ހިތްހަމަ ނުޖެހި ތެހެރާންގައި ހުންނަ ސައޫދީ އެމްބަސީގައި ހުޅުޖަހައި އަދި މަޝްހަދުގައި ހުންނަ ސައޫދީ ޑިޕްލޮމެޓިކް އޮފީހުގައި ވެސް ރޯ ކޮށްލި އެވެ.
ދެ ގައުމުގެ ގުޅުން ކެނޑިފައި އޮންނަތާ ހައެއްކަ އަހަރު ފަހުން މިހާރު ގެންދަނީ މަޝްވަރާގެ ތެރެއިން ސިޔާސީ ގުޅުން ގާއިމުކޮށް ދެމެހެއްޓޭނެ ގޮތެއް ހޯދަމުންނެވެ.
އީރާންގައި މިފަހުން އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ގައުމާ މުޚާތަބު ކުރައްވައި ރައީސީ ދެއްކެވި ވާހަކާގައި ވެސް ސައޫދީއާ ގުޅުން ބަދަހި ކުރުމަށް އޮތް ޝައުގުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
އީރާންގެ ވެރިކަން ބަދަލުވުމާ ގުޅިގެން މީހުންނަށް ހީވެފައި އޮތީ ސައުދީއާ ގުޅުން ބަދަހި ކުރަން އީރާން ދުވަހަކު ވެސް ބޭނުން ނުވާނެ ކަމަށެވެ.
އެހެން ނަމަވެސް، ރައީސީ ވިދާޅުވީ ސައުދީއާ މަޝްވަރާ ކުރައްވާނެ ކަމަށާއި ފައިދާ ކުރަނިވި ނަތީޖާއަކަށް ވާސިލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ސައޫދީން އީރާނާ މެދު އޮންނަ ނުތަނަވަސް ކަމަކީ ޔަމަނުގައި އަމިއްލަ ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ހޫތީންނަށް އެހީތެރިވުމެވެ. އަދި އީރާން ނިއުކްލިއާ ޑީލާއި ބެލެސްޓިކް މިސައިލް ޕްރޮގްރާމަކީ ވެސް ސައޫދީއަށް އޮތް ކަންބޮޑުވުމެވެ.
ހޫތީން ގެންދަނީ ކަނޑަނޭޅި ސައޫދީއަށް މިސައިލް ފޮނުވަމުންނެވެ. އަދި ބަޑިބޭހުން ބަރާކޮށް ޑްރޯން ފޮނުވައި ތަންތައް ގޮއްވަމުންނެވެ.
ހޫތީން މިދާކަށް ދުވަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ހަމަލާދީ ދެމީހަކު ވަނީ މަރާލާފަ އެވެ. މެދުއިރިމަތީ އަރަބި ގައުމުތަކަށް އީރާނާ މެދު މިކަހަލަ ކިތަންމެ ކަންބޮޑުވުމެއް އެބަ އޮތެވެ.
ސައޫދީން ބުނާ ގޮތުން މެދުއިރުމަތި ފަނާކުރަނިވި ހަތިޔާރު އީރާންގައި ހުރުމަކީ ނުތަނަވަސް ކުރުވާ ކަމެކެވެ.