ހަބަރު

ފުލުހުންގެ ފްލެޓްތަކާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް

Dec 16, 2015
2
  • މަސައްކަތް ހުއްޓިފައިވާތާ އެތައް ދުވަހެއް
  • މަސައްކަތް ނުކޮށް ފައިސާ ނެގި ކަމުގެ ތުހުމަތު
  • ކުންފުންޏަށް މަސައްކަތް ހަވާލުކުރީ ބިޑްނުކޮށް

ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ 300 ފްލެޓްގެ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ. އޭސީސީ އިން އެ ތަހުގީގު ކުރާ ކަމަށް ވެސް އެނގިފައިވެ އެވެ.

ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ، (ޕޮލްކޯ) އިން ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން 2013 ވަނަ އަހަރު ފެށި މަސައްކަތް ވަނީ ދުވަސް ކޮޅެއް ނުވެ ހުއްޓާލައިފަ އެވެ. އެއާ އެކު އާ ކުންފުންޏެއް ހޯދުމަށް މިހާރު އިއުލާން ކޮށްފައިވެ އެވެ.

އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕޮލްކޯ އިން ނޫމަޑި ރިސޯޓްސް އެންޑް ކޮންސްރަކްޝަން އާ އެ މަސައްކަތް ހަވާލު ކުރީ ބިޑް ކުރުމެއް ނެތި ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ނުގެން ގޮސް، އެ ކުންފުނިން ވަނީ ފުލުހުންގެ އަތުން ވަކި އަދަދަކަށް ފައިސާ ނަގާފައި ކަމަށް ވެސް މައްސަލައިގައިވެ އެވެ. މައްސަލައިގައި ތުހުމަތު ކުރާ ފަރާތުން ބުނެފައި ވަނީ އެ ފައިސާ ނޫމަޑިއަށް ދޫކުރުމުގައި ފުލުހުންގެ ތެރެއިން ނާޖާއިޒު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ކުންފުންޏަށް މަސައްކަތް ހަވާލު ކުރީ ކުންފުނީގެ ގާބިލްކަން ބެލުމެއް ނެތި ނުފޫޒުން ކަމަށް ވެސް ތުހުމަތު ކުރެ އެވެ. 

"އެ ކުންފުންޏަށް މަސައްކަތް ހަވާލު ކުރި ގޮތާއި ފައިސާ ދޫކުރެވިފައިވާ ގޮތް ބެލުމަށް އެދި ދެންނެވީ މެވެ،" މައްސަލަ ހުށަހެޅި ފަރާތުގެ ލިޔުމުގައިވެ އެވެ. އެ މައްސަލަ ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށް އޭސީސީ އިން ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށް ވެސް ކަށަވަރުވެފައިވެ އެވެ.

އެހެން ނަމަވެސް މި ތުހުމަތަކާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވި އެވެ. އަދި ނޫމަސްއާ ގުޅުމަށް ކުރި މަސައްކަތް ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކަށް ހޮވިފައި ތިބި ފުލުހުންގެ މުސާރައިން އަންނަނީ އެތަނުގެ ޑައުންޕޭމަންޓަށް ކޮންމެ މަހަކު ވަކި ވަރެއް އުނިކުރަމުންނެވެ.

ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރަނީ، ތިން ކޮޓަރީގެ 210 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 90 އެޕާޓްމަންޓެވެ.