ދިވެހިރާއްޖެއާ އިޒްރޭލާ ގުޅުން ގާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ނުކުރާ ކަަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރާއްޖެ އާއި އިޒްރޭލްގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅުން ގާއިމުކުރުމުގެ މަޝްވަރާތަކެއް ހިނގަމުންދާ ކަމަށް އެ ގައުމުގެ "ޓައިމްސް އޮފް އިޒްރާއީލް" ގައި ބުނެފައިވަނިކޮށެވެ. އެ ގައުމުގެ އެންމެ މަޝްހޫރު އެއް ނިއުސް އެޖެންސީ ކަމަށްވާ "ޓައިމްސް އޮފް އިޒްރާއީލް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދެން އެންމެ އަވަހަށް ގުޅުން ގާއިމު ކުރާނީ ރާއްޖެ އާއެވެ.
އެ މައުލޫމާތު އެ ނޫހުން ގެނެސްދީފައި ވަނީ ޑިޕްލޮމެޓިކް ދާއިރާގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ އެވެ.
އެކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ދެންމެ ބުނީ ދިވެހިރާއްޖެއާ އިޒްރޭލާ ދެމެދު ގުޅުން ގާއިމު ކުރަން އުޅޭކަ މަށް ބޭރުގެ ބައެއް މީޑިއާތަކުން ފަތުރާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.
"ދިވެހިރާއްޖެއާ އިޒްރޭލާ ގުޅުން ގާއިމްކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ނުކުރޭ،" ފޮރިން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި ކުރު މެސެޖުގައި ބުނެފައިވެއެވެ.
ރާއްޖެއިން އިޒްރޭލާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ ވެރިކަމުގައި އުފެއްދި އެ ގުޅުން ކަނޑާލީ ފަލަސްތީނުގެ މައްސަލާގައި އެ ގައުމުން ގެންގުޅޭ ހަަރުކަށި އަދި ލާއިންސާނީ އުސޫލުތަކާއި ގުޅިގެންނެވެ. އެ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތު މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ދެއްވާފައެއް ނުވެއެވެ. އަދި ފަލަސްތީނާއެކު ރާއްޖެ އޮތްކަން ހާމަކޮށްދިނެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ-އިޒްރޭލް ގުޅުން ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރި ކަމަށް ވާހަކަ ދެކެވުނެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެފަދަ މަޝްވަރާތަކެއް ކުރެވުނު ކަމަކަށް ސަރުކާރުން ނުބުނެއެވެ. އެމަނިކުފާނުގެ ބައެއް މިނިސްޓަރުން އިޒްރޭލަށް ދަތުރުތަކެއް ކުރެއްވި ނަމަވެސް މިއަދާހަމައަށްވެސް ރާއްޖެ-އިޒްރޭލް ގުޅުން އޮތީ އެ ގުޅުން ކަނޑާލިއިރު އޮތް ހާލަތުގައެވެ.
ރައީސް ސޯލިހުގެ ސަރުކާރުންވެސް އެކި ފަހަރު މަތިން އިޒްރޭލްގެ އުދުވާން ކުށްވެރިކޮށް ފަލަސްތީނުގެ ދިފާއުގައި ތެދުވެފައިވެއެވެ. އދ ގެ އާންމު މަޖިލީހުގެ ތަގުރީރުތަކުގައިވެސް ފަލަސްތީނުގެ ހައްގުގައި ސަރުކާރުން ވަރަށް ބޮޑަށް އަޑުއުފުލައެވެ.