ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވާންގް ޔީ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ރާއްޖެއަށް ވަޑައިގެންފައި މިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ދެއްވެވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށް ފަހު އެވެ.
ވާންގް ޔީ އަށް މަރުހަބާ ދެންނެވުމަށާއި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޝާހިދު ވެސް ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ.
ވާންގް ޔީގެ މިދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވާނެ އެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. މީގެއިތުރުން ބައެއް އެމްއޯޔޫތަކުގައި ސޮއި ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ވާންގް ޔީ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ވަޑައިގެންނެވި ޗައިނާއެއް އެންމެ އިސް އޮފިޝަލެވެ.
ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ އޮކްޓޫބަރު 14، 1972 ގައެވެ. މިއަހަރަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދަތުރުފުޅުގައި ރަންޔޫބިލްގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ދެއްވާނެ އެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގެ އެމްބަސީއެއް ޗައިނާގައި ހުޅުވީ 2007 ވަނަ އަހަރު އެވެ. އަދި ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވީ ނޮވެމްބަރު 8، 2011 ގައެވެ.