ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ތުހުމަތުކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިކަމުގައި އުޅުއްވާ ބައެއް މެންބަރުން އަވަސް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 13 މެންބަރުންގެ ސޮޔާ އެކު ކަމަށެވެ. އެކަމަކު ސޮއިކުރެއްވި މެންބަރުންގެ މައުލޫމާތު އެއްވެސް ބޭފުޅަކު ހާމައެއް ނުކުރެއްވި އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދުގެ މައްްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް، އެމްއެންޕީ، ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާ އެކު އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ނުކުރާ ކަމަށްވެ އެވެ. ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ސޮއި ނުކުރައްވާ ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، ޝާހިދުގެ އިތުބާރު ނެތް މައްސަލައިގެ ވޯޓުގައި ސޮއި ކުރެއްވި ނަމަވެސް ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ސޮއިކުރައްވާފައެއް ނުވެ އެވެ.
ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުމަށްފަހު ގުޅިފައިވާ ޕާޓީތަކުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ އެ މައްސަލަތަކުގައި ބައިވެރިވާ އެމްޑީޕީގެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.