ފޮރިން މިނިސްޓްރީ

ޖަޕާނާއި ރާއްޖޭގެ ފޮރިން މިނިސްޓަރުން ރަސްމީ މަޝްވަރާތައް ބާއްވައިފި

ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮށިމަސާ (މ)ގައި
0%
0%
0%

ރާއްޖެއަށް ވަޑައިގެން އުޅުއްވާ ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮށިމަސާ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވައިފި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތީ މިނިސްޓަރު ޝާހިދުގެ ދައުވަތަކަށެވެ. ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުގައި ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ޖަޕާނުން ވިސާގެ ލުއި ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނުގެ ދައުވަތު ގަބޫލުކުރައްވާ ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (މ)ގައި

ޝާހިދު ވިދާޅުވީ ޖަޕާނަކީ ރާއްޖެއަށް އަބަދުވެސް ދީލަތި ކަމާ އެކު އެހީތެރިވާ ގައުމެއް ކަމަށްވާތީ ދިވެހި ސަރުކާރުން އެކަން ބަލައިގަންނަ ކަމަށެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި އަޅާފައިވާ ކަލާފާނު ސްކޫލަށާއި ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށާ ލާފައިވާ ބޮޑު ހިލައިގެ ތޮށިގަނޑުގެ ހާލަތު ބަލާލުމަށް ޖަޕާންގެ ފޮރިން މިނިސްޓަރުގެ މިދަތުރުފުޅުގެ ތެރެއިން ޒިޔާރަތްކުރައްވާނެ އެވެ.

މިނިސްޓަރު ހަޔާޝީގެ މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މިބައްދަލުކުރެއްވުމުގެ ތެރެއިން ސިފައިންނަށް ފޯރުކޮށްދޭ އެހީތަކެއްގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރެއް އެންމެ ފަހުން ރާއްޖެ ވަޑައިގަންފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910