ފޮރިން މިނިސްޓްރީ

ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންފި އެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

މިނިސްޓަރު ހަޔާޝީގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ހަޔާޝީގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޖަޕާނުން ރާއްޖެއަށްދޭ ސްކޮލާޝިޕްތަކާޢި އެމްއެންޑީއެފަށް ދޭ އެހީތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ބޭފުޅުންނަށް ޖަޕާނުން ވިސާގެ ލުއި ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.