ފޮރިން މިނިސްޓްރީ

ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ މި މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ހަޔާޝީ ޔޮޝިމަސާ ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހަޔާޝީ ރާއްޖެ ވަޑައިގަންނަވާނީ މި މަހު 29 އިން 30 އަށް ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންނާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށް އެނގިފައިވެ އެވެ.

ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލާޝިޕް (ޖޭޑީއެސް)ގެ ލިޔުންތައް ދެ ގައުމު ދެމެދު ބަދަލުކުރުންވެސް މި ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށް ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅަކީ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެންމެ މަތީ ފެންވަރުގައި ހިނގާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން މީގެ ކުރިން ޖަޕާން ސަރުކާރުގެ އެންމެ އިސް ބޭފުޅެއް ރާއްޖެ ވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އޭރުގެ ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޮނޯ ކުރެއްވި ދަތުރުފުޅެވެ.