އަބްދުﷲ ޝާހިދު

ޝާހިދު ޖަޕާނަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިއަދު ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުގައި މިމަހުގެ 14 އިން 16 އަށް ޓޯކިޔޯގައި ބާއްވާ މިއުނިކް ލީޑާސްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާގެ އިތުރުން މިއުނިކް ލީޑާސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ބައްދަލުކުރައްވާނެ އެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސް އިން އިންތިޒާމްކޮށްގެން ބާއްވާ މިއުނިކް ލީޑާސް ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންނާއި މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ސަލާމަތީ ސިޔާސަތާއި ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ބަހުސްކުރާނެ އެވެ.

މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގަތީ ސާބިއާ އާއި ހަންގޭރީގެ އިތުރުން ސްވިޑަންއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެވެ.