ފޮރިން މިނިސްޓްރީ

އުތުރު ކޮރެއާގެ މައްސަލައިގައި ރާއްޖެ-ޖަޕާނުއެކުގައި

އުތުރު ކޮރެއާ އާއި ގުޅުންހުރި ކަންކަމުގައި ދިވެހިރާއްޖެ އާއި ޖަޕާނުން އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ހަޔަޝި ޔޮޝިމަސައާ ބައްދަލުކުރައްވާ ކުރިއަށް ގެންދެވި މަޝްވަރާތަކުގަ އެވެ.

ޖަޕާން ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި އުތުރު ކޮރެއާ އާއި ޔޫކްރެއިން އަދި ބައިނަލްއަގްވާމީ މުހިއްމު މައްސަލަތަކުގައި ދެބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފަ އެވެ.

ހާއްސަ ގޮތެއްގައި އުތުރު ކޮރެއާއާއި ގުޅުންހުރި ކަންކަމުގައި ރާއްޖެ އާއި ޖަޕާނުން ކުރިއަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަަމަށް ބުނެފައިވެ އެވެ.

ޖަޕާންގެ ފޮރިން މިނިސްޓަރު ވަނީ އދ.ގެ އާންމު މަޖިލީހުގެ ނިމިދިޔަ ދައުރުގައި ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގެންނެވީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.