މާލެ ސަރަހައްދުގައި ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލްގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ބޭރަށް ހިންގުމާއި ހޮޑުލެވޭތީ މިދުވަސްވަރު އެ ހޮސްޕިޓަލަށް ދައްކާ މީހުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ބަލިތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އާންމު ރޯގާތައް އިތުރުވާ ދުވަސްވަރު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކްލިނިކްތައް ގާއިމުކޮށް ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަކީ އޭޑީކޭ އިން އަބަދުވެސް ކުރާ ކަމެކެވެ.
އޭޑީކޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރޯގާގެ އަލާމާތްތައް ހުރެގެން މިދިޔަ ހަފްތާގެ ފަސް ދުވަހު އެ ހޮސްޕިޓަލުން 502 މީހަކު ފަރުވާ ހޯދާފައިވެ އެެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
އާންމު ރޯގާތައް މިދުވަސްވަރު އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.
އެޗްޕީއޭ އިން ބުނީ މިދުވަސްވަރު ފެންނަ ރޯގާގެ އަލާމާތްތަކުގެ ތެރޭގައި ބޮލަށް އެނބުރުން އެރުމާއި ކުޑަކަމުދާ މިންވަރު މަދުވުމާއި ވަރުދެރަވެ ދިޔާތަކެތި ބޭނުން ނުކުރެވުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި ހޮޑުލެވުމާއި ބަނޑުގައި ރިއްސުމާއި އަދި ހޮޑާއި ބޮޑުކަމުދާތަކެތީގައި ލޭގެ އަސަރު ހުރުން ހިމެނޭ ކަމަށެވެ.
ރޯގާ ޖެހިގެން މާބޮޑަށް ހާލު ދެރަވާހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށްވެސް އެޗްޕީއޭ އިން އެދިފައިވެ އެވެ.