އޭޑިކޭ ހޮސްޕިޓަލް

ކެންސަރު ހުރިކަން ދެނެގަންނަ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭއިން ފަށައިފި

ކެންސަރު ހުރިކަން ދެނެގަތުމަށް ހަދާ ޕެޓް ސްކޭންގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.

މި ހިދުމަތް ތައާރަފު ކުރުމަށް މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޕެޓް ސްކޭން ފެށިގެން ދިއުމާއެކު މި ހިދުމަތަށް ރާއްޖެއިން ބޭރަށް ކުރަމުންދިޔަ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަފްއާލް ވިދާޅުވި ގޮތުގައި ޕެޓް ސްކޭން ހަދަން އަހަރަކު ގާތްގަނޑަކަށް 1،000 އަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރަށް ދެ އެވެ.

ޕެޓް ސްކޭނަށް މިވަގުތު 7،500 ރުފިޔާ އާއި 8،500 ރުފިޔާއާ ދެމެދުގެ އަގެއް ނަގަން ނިންމާފައިވީ ނަމަވެސް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް އަގު ކުޑަކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އަފްއާލް ވިދާޅުވި އެވެ.

އެ ހިދުމަތާ ގުޅޭ ގޮތުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފު ވިދާޅުވީ ކެންސަރުގެ އިތުރުން ނާރުގެ ބައެއް ބަލިތަކާއި ހަކުރު ބަލި ފަދަ މެޓަބޮލިކް ބަލިތައް ބެލުމަށް ޕެޓް ސްކޭނުން ޓެސްޓުތައް ހެދޭނެ ކަމަށެވެ.

ޕެޓް ސްކޭން ހެދުމަށް ބަލިމީހާއަށް ނިޔުކްލިއާ ޓްރޭސާ މެޓީރިއަލް ދޭން ޖެހޭކަން ފާހަގަކުރައްވާ ޑރ. ނިޔާފު ވިދާޅުވީ އެކަމާ ގުޅޭ އިރުޝާދު ބަލިމީހުންނަށް ދޭނީ ނިޔުކްލިއާ ފިޒިޝަނުން ކަމަށެވެ.

ނިޔާފު ވިދާޅުވީ ސްކޭނަށް ބޭނުންވާ ރޭޑިއޯއެކްޓިވް މާއްދާ ރާއްޖެ ގެންނަނީ އެޕޮއިންޓްމެންޓް ލިބޭ އަދަދަށް ބެލުމަށްފަހު ކަމަށާއި ދުވާލަކު ގިނަވެގެން އަށެއް ނުވަތަ 10 ސްކޭން ހެދޭނެ ކަމަށެވެ.