އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ތައާރަފުކުރި 3ޓީ މެގްނެޓޮމް ލުމިނާ އެމްއާރްއައި މެޝިނާއެކު ހިދުމަތް އަވަސްވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އާ އެމްއާރްއައި ތައާރަފުކުރުމަށް މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު އާއި އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހުމަދު ނާޝިދު އާއި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ބައިވެރިވެވަޑައިގެންނެވި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނި ގޮތުގައި 3ޓީ މެގްނެޓޮމް ލުމިނާ އެމްއާރްއައި މެޝިނަކީ މިހާރު ހުރި އެމްއާރްއައި މެޝިނަށްވުރެ 50 ޕަސަންޓް އަވަހަށް ސްކޭން ކުރެވޭ މެޝިނެކެވެ.
މިހާރު ހުރި އެމްއާރްއައި މެޝިނަށްވުރެ އާ އެމްއާރްއައި މެޝިނުން ސްކޭންތައް ޑީޓެއިލްތައް ހޯދޭނެ އެވެ.
މީގެ އިތުރުން އާ އެމްއާރްއައި މެޝިނަކީ އަޑު މަޑު މެޝިނެއް ކަމަށާއި ކުޑަކުދިންނާއި ސްޓްރޯކް ޕޭޝަންޓުން ސްކޭންކުރަން ފަސޭހަވާނެ މެޝިނެއް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މި ހަފުލާގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
އައްފާލް ވިދާޅުވީ އެވަރެޖްކޮށް ދުވާލަކު މިހާރު ހެދެނީ 45 އެމްއާރްއައި ކަމަށާއި އަލަށް ތައާރަފުކުރެވޭ މެޝިނާއެކު ދުވާލަކު މަދުވެގެން 90 އެމްއާރްއައި ހެދޭނެ ކަމަށެވެ.