ބޭންކް އޮފް މޯލްޑިވްސް

ކުރެންދޫއަށް ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް

Jan 10, 2022

ބީއެމްއެލްއިން ޅ. ކުރެންދޫގައި ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ކުރެންދޫގައި ސެލްފް ސާވިސް ބޭންކިން ފެށުމުން އޭޓީއެމް ސެންޓަރު މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލްއިން މިހާރު ވެސް ޅ. އަތޮޅުގެ ނައިފަރުގައި ބްރާންޗަކާއެކު ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް ހިދުމަތް ދެ އެވެ. އެ އަތޮޅު ހިންނަވަރުގައި ވެސް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދެ އެވެ.

ބީއެމްއެލް ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ކުރެންދޫގައި ބޭންކިންްގެ ހިދުމަތް ތައާރަފުކޮށް އެރަށުގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ ބޮޑު އުފަލެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްއިން ދަނީ 20 އަތޮޅުގައި 35 ބްރާންޗް، 77 ސެލްފްސާވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް ދެމުން ނެވެ.