އިންޑިއާ

ހޫތީން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިއާ މީހުން ދޫކޮށްލަން އަންގައިފި

ޔަމަނުގެ ހުޅަނގު އައްސޭރި ފަށުން މުދާ އުފުލާ ބޯޓެއް ހޫތީން ޖަހައިގަނެ ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ބޯޓުގައި ތިބި 11 ފަޅުވެރިންގެ ތެރޭގައި އިންޑިއާ ހަތް މީހަކު ވެސް ހިމެނެ އެވެ.

ބޯޓުގައި ތިބި އިންޑިއާ ހަތް މީހުން ދޫކޮށް އިންޑިއާ ސަރުކާރުން ހޫތީން ވަނީ ގޮވާލާފަ އެވެ. އަދި ބުނީ ޔުނައިޓެޓް އަރަބް އެމިރާޓްސްއާ ގުޅިގެން ފަޅުވެރިން މިނިވަންކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.

އިންޑިއާ އެކްޓާނަލް އެފެއާޒް މިނިސްޓްރިގެ ތަރުޖަމާން، އަރިންދަމް ބާޗި ވިދާޅު ގޮތުގައި ބޯޓް އޮޕަރޭޓަރުންނާ ގުޅައިގެން ފަޅުވެރިންގެ ހާލު ރަނގަޅުތޯ ބަލަމުން އަންނަ ކަމަށެވެ.

އެކްޓާނަލް އެފެއާޒް މިނިސްޓްރީން ބަޔާނެއްގައި ބުނެފައިވާ ގޮތުން ޔަމަނުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ގުޅުމެއް ނެތް މީހުން ލިބޭ ގެއްލުން ބޮޑެވެ. އަދި އެއްވެސް ގޮތަކުން ބައިވެރިވުމެއް ނެތް ގައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަޝްރާކުރަން ޖެހެ އެވެ.

މުދާއުުފުލާ ބޯޓަކީ އެމިރޭޓްސް ދިދަޖަހައިގެން ދުއްވާ އުޅަނދެކެވެ. އެމިރޭޓްސްއިން ބުނި ގޮތުން ބޯޓުގައި ހުރީ ސައުދީ އަރަބިއްޔާއިން ޔަމަނުގައި ހިންގާ ހޮސްޕިޓަލްތަކަށް ފޮނުވާ ބޭހާއި ސިއްހީ ސާމާނެވެ.

ހޫތީން ބުނީ ބޯޓުގައި ހުރި ހަތިޔާރާއި ކަނޑި އާއި ބަޑި ކަމަށެވެ. ބޯޓު ހިފެހެއްޓި ސަބަބެއް ކަމަށް ހޫތީން ބުނީ އެމީހުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް ހުއްދަ ނުހޯދައި ވަނުން ކަމަށެވެ.

ހޫތީންނަކީ އިރާނުން ހަތިޔާރާއި ފައިސާ ދީގެން ހިންގާ ބާޣީ ޖަމާއަތެކެވެ. އެޖަމާއަތަށް ދެން އެންމެ ބޮޑަށް އެހީތެރި ވަނީ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުންނެވެ.

ހޫތީންނަށް ޒަމާނީ ހަތިޔާރު ބޭނުންކޮންގެން ތަންތައް ގޮއްވަން ދަސްކޮށްދެނީ ހިޒްބުﷲ ޖަމާއަތުންނެވެ. އީރާނުން ސަޕްލައިކޮށްދޭ ޑްރޯނާއި ރޮކެޓްތައް އުދުއްސަން ދަސްކޮށްދެނީ ވެސް ހިޒްބުﷲ ޖަމާއަތުންނެވެ.