ދުނިޔެ

ލުބްނާނާ ސައޫދީގެ ގުޅުން ހަރާބު ކުރަނީ ހިޒްބުﷲ: ސާދު ހަރީރީ

ސައުދީ އަރަބިއްޔާ އާއި ގަލްފުގެ ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ހަރާބުކުރާ ބަޔަކީ ލުބްނާންގައި ގާއިމުވެ ތިބި ހިޒްބުﷲ ކަމަށް ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ސާދު ހަރީރީ ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ހަރީރީ ވިދާޅުވީ ސައޫދީއާ ލުބްނާންއާ ދެމެދު މިދާކަށް ދުވަހު އުފެދުނު ކޯޅުންގަނޑުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ ވެސް ހިޒްބުﷲ ކަމަށެވެ.

ހަރީރީ ޓްވީޓް ކުރައްވައި ވިދާޅުވެފައި އޮތް ގޮތުގައި އަރަބިންގެ މެދުގައި ނަފުރަތު އުފައްދަން އިރާނުން ވެސް އެހީތެރިވެ އެވެ. ހިޒްބުﷲ ކުރާ ހުރިހާ ނުބައި ކަމެއްގެ ކޮޅު ގޮސް ހުއްޓެނީ އީރާނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީއާ ބެހޭ ގޮތުން ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ސައޫދީގައި ހުންނެވި ލުބްނާން ސަފީރު އެ ގައުމުން ބޭރުވެ ވަޑައިގަތުމަށް ވަނީ ދަންނަވާފަ އެވެ. އަދި ލުބްނާންގައި ހުންނެވި ސައޫދީ ސަފީރު ގައުމަށް ވަޑައިގަތުމަށް ވެސް ވަނީ ދަންނަވާފަ އެވެ.

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކުރުދާއީ ސައޫދީއަށް ފާޑުވިދާޅުވެ، ވިދާޅުވި ގޮތުގައި ޔަމަނުގައި ސައޫދީއާ ދެކޮޅަށް ހޫތީން ހަމަލާ ދެމުން އެ ގެންދަނީ އަމިއްލަ ދިފާއުގަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޔަމަނުގައި އެތައް ހާސް ބަޔަކު ބަނޑަށް ޖެހި މަރަށް ހުށަހެޅިފައި އެތިބީ ސައޫދީ ކޯލިޝަނުން ހިންގާ ޖަރީމާތަކުގެ ސަބަބުންނެވެ.

ސައޫދީއަކީ ގަލްފުގައި ބާރުގަދަ ގައުމެކެވެ. އެހެން ކަމުން މިހާރު އޮތް ބިރަކީ ގަލްފުގެ އިތުރު ގައުމުތަކުން ލުބްނާންއާ މެދު އަމަލު ކުރާނެ ގޮތެވެ. އަނެއްކޮޅުން ބަހްރޭން އާއި ޔޫއޭއީން ވެސް ވަނީ ސައޫދީގެ ނިންމުމަށް ތާއީދުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލުބުނާނުގެ އެމްބަސެޑަރު އެ ގައުމު ދޫކޮށް ވަޑައިގަތުމަށް ދަންނަވާފަ އެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މިގާތީ ހުކުރު ދުވަހު ކުރުދާއީ އަށް ފޯނު ކުރައްވައި ވަނީ ގައުމީ މަސްލަހަތު އިސް ކުރުމަށް އެދިވަޑައިގެންފަ އެވެ. ލުބުނާނާއެކު އަރަބި ގުޅުންތައް ރަނގަޅު ކުރުމަށް ރަނގަޅު ނިންމުމެއް ނިންމެވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

މިކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ މައްސަލަ އިތުރަށް ހޫނުވަމުން އަންނަ ކަމަށާއި ސައޫދިއާ ސުލްހަވުމަށް އޮތް ގޮތަކީ ފަހަރެއްގައި ކުރުދާއީ އިސްތިއުފާ ދެއްވުން ކަމަށް ވެސް ވެދާނެ ކަމަށެވެ.

މިގާތީ ވަނީ ސައުދީއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް އޭނާގެ ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.