މަޝްހޫރު ކޮމޭޑިއަން އަދި ޕްރެޒެންޓަރު ކަޕިލް ޝަރުމާގެ ބައޮޕިކް އެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. "ފަންކާރް" ނަމަކަށް ކިޔާ މި ފިލްމު ޑައިރެކްޓް ކުރާނީ މުރިގްދީޕް ސިންގް ލާމްބާ އެވެ. މަޝްހޫރު "ފުކްރޭ" ސީރީޒް އުފެއްދީ ވެސް ލާމްބާ އެވެ.
ކަޕިލް ޝަރުމާ އަކީ އިންޑިޔާގައި އުފެދުނު އެންމެ މޮޅު ސްޓޭންޑް-އަޕް ކޮމޭޑިއަން އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާއާ އެއް ފެންވަރަށް ހެއްވާ މަޖާ ވާހަކަތައް ދެއްކޭ މީހަކު ނެތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ކޮމެޑީ ޝޯތަކުގެ އިތުރުން ބޮލިވުޑް ދެ ފިލްމެއްގައި ވެސް ކަޕިލް ވަނީ ލީޑް ރޯލު އަދާ ކޮށްފަ އެވެ.
މިވަގުތު "ފުކްރޭ"ގެ ތިން ވަނަ ފިލްމެއްގެ މަސައްކަތުގައި އަވަދިނެތި އުޅޭ ލާމްބާ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޭނާގެ ގިނަ ބަޔަކު އެންމެ ލޯބިވާ ފަންނުވެރިޔާ ކަޕިލް ޝަރުމާގެ ހަޔާތުގެ ވާހަކަ ސްކްރީނަށް ގެނެސްދޭން ތައްޔާރުވަމުންދާ ކަމަށެވެ.
މި ފިލްމަކީ ކަޕިލްގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމެއް ނުވަތަ ޑޮކިއުމެންޓްރީ އެއްގޮތަށް ތައްޔާރުކުރާ ފިލްމެއް ކަމެއް އަދި ނޭނގެ އެވެ. ނުވަތަ ފިލްމުގައި ގެނެސްދޭނީ ކަޕިލްގެ ހަޔާތުގެ ވަކިވަކި ސަފުތާ ތަކެއް ކަމެއް ވެސް އަދި ބުނާކަށް ނޭނގެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ބުނި ގޮތުގައި ކަޕިލްގެ ހެއްވާ މަޖާ ޖޯކުތަކާއި ވާހަކަތަކުން އެތައް މިލިއަން ބަޔަކަށް ހިތްހަމަޖެހުން ލިބި މުނިފޫހި ފިލަ އެވެ. އެހެންވެ އޭނާ ކަހަލަ މީހެއްގެ ހަގީގީ ވާހަކަތައް ބަލާލަން މީހުން ބޭނުންވާނެކަމަށް ގަބޫލު ކުރެވެ އެވެ. ކަޕިލްގެ ބައޮޕިކް އެއްގެ މަސައްކަތް ފެށީ އެހެންވެ އެވެ.