އަށާރަ އަހަރުން މަތީގެ އެންމެނަށް ކޮވިޑް-19 އިގެ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިދޭން ފަށައިފި އެވެ.
ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމު އެޗްޕީއޭ އިން ވަނީ ހަމަޖައްސާފަ އެވެ.
ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެމުން ދނީ ފައިޒާ ވެކްސިނެވެ. ހަ ތަނަކުން އެޕޮއިންމެންޓް ހައްދައިގެން ބޫސްޓާ ޑޯޒް ޖެހެ އެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ސެނަހިޔާ އާއި ދަމަނަވެއްޓާއި ދަރުބާރުގެ އަދި ވިލިމާލެ ހޮސްޕިޓަލެވެ.
ކުރިން ބޫސްޓާ ޑޯޒް ޖަހައިދެމުން ދިޔައީ ވަކި ހާއްސަ ގްރޫޕްތަކަކަށެވެ. އެގޮތުން ހައި ރިސްކް މީހުންނާއި، 50 އަހަރުން މަތީގެ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދޭން ވަނީ ކުރިން ފަށައިފަ އެވެ.
މިހާތަނަށް ރާއްޖެއިން 29،815 މީހުން ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި އާބާދީގެ 80 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ސަރުކާރުން ކުރިން ނިންމީ މިދިޔަ މަހުގެ މެދުތެރޭގައި މުޅި އާބާދީއަށް ބޫސްޓާ ޑޯޒް ޖަހަން ފަށާށެވެ. ނަމަވެސް ވެކްސިން ނުގެނެވުމާއި ވެކްސިން ގެނައުމަށް ފަހު ވެކްސިން ޖަހަން ބޭނުންކުރާ ސިރިންޖުތައް ނުލިބިގެން އެ މަސައްކަތް ފެށުން ލަސްވީ އެވެ.
ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 100،620 ޑޯޒް ހިލޭ ލިބިފައިވެ އެވެ. އެކަމަކު އާންމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒް ދިނުން ލަސްވީ އެކަމަށް ބޭނުންވާ ސިރިންޖާ ލިބުން ދަތިވުމުންނެވެ.