ހަބަރު

އެއާޕޯޓަށް ހޮނުއަޅައި ކަރަންޓް ކެނޑިއްޖެ

Dec 17, 2015

މިރޭ އިރުއޮއްސުނު ވަގުތު އައި ކޮޅިގަނޑެއްގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައެންއައިއޭ) އަށް ހޮނު އަޅައި ކަރަންޓް ކެނޑިއްޖެ އެވެ.

އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި ބާރަށް ގުގުރިއެއް ޖެހި ވަގުތު، ކަރަންޓް ކަނޑައިގެން ގޮސްފައި ވަނީ އެއާޕޯޓްގެ ރަންވޭ އިންނާއި ޑޮމެސްޓިކް ޓާމިނަލް އިންނާއި އޭޕްރޮން އިންނެވެ. އަދި އެއާޕޯޓްގައި ބޭނުން ކުރާ ބައެއް ސިސްޓަމްތަކުން ވެސް ކަރަންޓް އެކީ ކެނޑިގެން ދިޔަ އެވެ.

"ހޮނު އަޅައިގެން އެކަން ދިމާވީ،" މުވައްޒަފު ބުންޏެވެ. އެކަމުގައި އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ ރަސްމީ ބަހެއް ނުލިބުނެވެ.

ކަރަންޓް ދިޔުމުގެ ސަބަބުން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއެރި އެވެ. ބައެއް ހިސާބުތަކަށް މިހާރު ކަރަންޓް އައިސްފައިވާ އިރު، ކަރަންޓް ދިޔުމުގެ ސަބަބުން ބައެއް ބޮކިފަދަ ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ. އަދި އެކަން ރަނގަޅު ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.