މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓް ކުރުމުގެ ފީތަކަށް ބޮޑު ބަދަލެއް

ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސެންސް ފީތަކާއި ބްރޯޑްކާސްޓް ހިދުމަތަށް ރަޖިސްޓްރީކުރަން ދައްކާ ފީތަކުގެ އަގުތައް ބޮޑުތަނުން ކުޑަކޮށްފި އެވެ.

ފީތަކުގެ އަގުތަކަށް ބަދަލު ގެނެސްފައިވާކަން އާންމުކޮށްފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އިސްލާހުކޮށް އިއްޔެ ގެޒެޓްކުރި އާ ގަވާއިދުގަ އެވެ. އެ ގަވާއިދުގައިވާ ގޮތުން، ކުރިން ދައްކަމުން އައި ފީތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ވަނީ ކުޑަކޮށްފަ އެވެ.

އެގޮތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރާ ފީ އަކީ މިހާރު 500ރ. އެވެ. ޓީވީއަށާއި ރޭޑިއޯ އަށް ވެސް ދައްކަން ޖެހެނީ މިވަރެވެ. ކުރިން ރޭޑިއޯއަށާއި ޓީވީ އަށް ދައްކަން ޖެހެނީ 2000ރ. އެވެ.

އަހަރީ ފީތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ރޭޑިއޯގެ ހިދުމަތަށް މިހާރު ދައްކަން ޖެހެނީ 10،000ރ. އެވެ. ކުރީގައި ރޭޑިއޯއިން ފީނަގައިގެން ދޭ ހިދުމަތަށް 39،200ރ. ދައްކަން ޖެހެ އެވެ. ޓީވީގެ އަހަރީ ފީއަށް މިހާރު ދައްކަން ޖެހެނީ 20،000ރ. އެވެ. ކުރީގައި ޓީވީ އިން ފީނަގައިގެން ދޭ ހިދުމަތަށް 84،400ރ. ދައްކަން ޖެހެ އެވެ.

މީގެ އިތުރުން ސްޓްރީމްކޮށްގެން ދޭ ހިދުމަތަށް ދައްކަން ޖެހޭ ފީ އަކީ 2000ރ. އެވެ. އެ ހިދުމަތަކީ އޯޓީޓީ ވީޑިއޯ އަދި އޯޑިއޯ އެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު ބުނާގޮތުގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ދެނީ ތިން ބާވަތަކަށް ބަހާލައިގެންނެވެ. އެއީ ޕަބްލިކް ބްރޯޑްކާސްޓިން ހިދުމަތާއި، ކޮމާޝަލް ބްރޯޑްކާސްޓިންގެ ހިދުމަތުގެ އިތުރުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތެވެ.