މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ރަމީޒުގެ ވާހަކަތައް ޖެންޑާ މިނިސްޓްރީން ކުށްވެރިކޮށްފި

Jan 19, 2022

އޯޓިޒަމް ކުދިންނަށް އަމާޒުވާ ގޮތަށް މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އާދަމް ރަމީޒް ދެއްކެވި ވާހަކަތައް ޖެންޑާ މިނިސްޓްރީން ކުށްވެރިކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލަރު ރަމީޒް ވިދާޅުވީ ބައެއް މިނިސްޓްރީތަކުގައި އޯޓިސްޓިކް ކުދިން އެބަތިބި ކަމަށާއި އެކަމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަކީ އެފަދަ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

ރަމީޒު އެގޮތަށް ވާހަކަދައްކަވަން ފެއްޓެވުމުން ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ރަމީޒުގެ ސަމާލުކަމަށް އެކަން ގެންނަވާ އެވާހަކަތައް އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފަ އެވެ. ރަމީޒު ވަނީ މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް އަމަލުކުރައްވާފަ އެވެ. އަދި ބައްދަލުވުމުގެ ފަހުން ރަމީޒު ވަނީ އޭނާ ދެއްކެވި ވާހަކައަށް މައާފަށް އެދިވަޑައިގެން ޓްވީޓެއް ވެސް ކުރައްވާފަ އެވެ.

ރަމީޒުގެ ވާހަކަތައް ކުށްވެރިކޮށް ޖެންޑާ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުހާތަބްކޮށް ދަށު ދަރަޖއިގެ ބަސްތަކެއް ކައުންސިލަރު ރަމީޒު ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރަމީޒުގެ އެ އަމަލަކީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ރައްކާތެރިކޮށްދީފައިވާ ހައްގެއް ގެއްލުންވާ ފަދަ އަމަލެއްގެ ގޮތުގައިވެސް ސިފަކޮށްފައިވެ އެެވެ. ގާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ އާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސައެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ އުމުރުން ދުވަސްވީ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލބިގެންވާ ހައްގެއް ކަމަށެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ ރަމީޒުގެ އަމަލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ)އާ ވެސް ހިލާފު އަމަލެއް ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް އެމީހުންނާއި ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި ފުރައްސާރަ ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

"އެހެންކަމުން މިފަދަ އަމަލުތައް ނުކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރަމެވެ." ޖެންޑާ މިނިސްޓްރީން ބުނެފައިވެ އެވެ.