މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓް ދޫކުރުމުގައި "ހައުސިން ކޮމިޓީ" އަށް ބޭނުންވާ ލަފާ ދިނުމަށް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް ހައުސިން މިނިސްޓްރީން އުފެއްދީ ކައުންސިލަށް އެނގުމެއް ނެތި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން ހައުސިން ކޮމިޓީއެއް މިދިޔަ ބުރާސްފަތި ދުވަހު އެކުލަވާލީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމާ ގުޅިގެން ހުށަހަޅާ މައްސަލަތަކާއި އަދި ކުރިއަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ލަފާ ދިނުމަށެވެ.
ހައުސިން ކޮމިޓީގައި ހިމެނޭ ބޭފުޅުން
- އަނީސާ އަހްމަދު - މ. ލޮނުވެލި
- އާމިނަތު އީނާސް - ހ. ހަބަރުގެ
- އަހްމަދު އަލި މަނިކު - ގ. ވިޔަވަތި
- އަބްދުލްއަޒީޒު ޔޫސުފް - މ. ދޫނިހުރާ
- މަރިޔަމް ފިޒާނާ ރަޝީދު - މ. ޒޭވަރު
ހައުސިން ކޮމިޓީއަށް ލަފާ ދިނުމަށް މާލޭގެ ކައުންސިލަރުންގެ ތެރެއިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކުރީ ރޭގެ ވަގުތެއްގައެވެ.
ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ކައުންސިލަރުން ހިމެނޭ ވަކި ކޮމިޓީއެއް އެކުލަވާލީ ހައުސިން ކޮމިޓީން މުހިއްމު ނިންމުންތައް ނިންމުމުގައި މާލެ ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމެނުމަށް ބޭނުންވާތީ ކަމަށެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މި ކޮމިޓީ އެކުލަވާލެއްވީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސްގެ މަޝްވަރާގެ މަތިން ކަމަށްވެސް ބަޔާނުގައިވެ އެވެ.
ކައުންސިލް ކޮމިޓީގައި ހިމެނޭ ބޭފުޅުން
- މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒު - މއ. ދެކުނުއިންނާގެ
- އާއިޝަތު ނިޒްލީ ރަޝީދު - ހ. ޅަރީތިގެ
- އަހްމަދު އައިފާން - ހ. މޫންލައިޓްވެލީ
- ހަސަން ނިޒާމު - މ. ސިތާރާ
- މުހައްމަދު އަރީޝް - މ. އަހުލިހަ
ކައުންސިލް ކޮމިޓީއާއި ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ އެފަދަ ކޮމިޓީއެއް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލް ބައްދަލުވުމެއްގައި ފާސްކޮށް ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ވަކި ކައުންސިލަރުންތަކެއް ހިމަނައިގެން ކޮމިޓީއެއް އެކުލަވާލާފައިވަނީ ކައުންސިލްގެ ބަހެއް ނެތި ކަމަށްވެސް ވިދާޅުވި އެވެ.
"މާލެ ސިޓީ ކައުންސިލުން އެފަދަ ކޮމިޓީތައް އެކުލަވާލަނީ އާންމު ގޮތެއްގައި ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން،" އާޒިމް ވިދާޅުވި އެވެ.