ދުނިޔެ

ރަޝިއާ އާއި ޔުކްރޭން ސުލްހަކުރަން މެދުވެރިވާން ތައްޔާރު

ރަޝިއާ އާއި ޔުކްރޭން މިހާރު އޮތް ހާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވީ ރަޝިއާ އާއި ޔުކްރޭން ސުލްހަ ކުރުމަށް ޓަކައި އެއްމޭޒު ދޮށަށް ގެނައުމަށް ތުރުކީއަށް މެދުވެރިއެއްގެ ދައުރު އަދާ ކުރެވިދާނެ ކަމަށެވެ.

ތުރުކީއަކީ ރަޝިއާއާ ވަރަށް ގާތް ގައުމެކެވެ. ޔުކްރޭނާ ތުރުކީ އަކީ ވެސް ވިޔަފާރީގައި މިނިވަން މުއާމަލާތްތަކެއް ދަމަހައްޓާ ދެގައުމެވެ.

އުރުދުޣާން އަކީ ޝައުގުވެރި ޝަޚްސިއްޔަތެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދޭތެރެ ދޭތެރެއިން ވިދާޅުވެ އެވެ. އަހަރަކު އެއްފަހަރު ނަމަވެސް އުރުދުޣާންއާ ބައްދަލު ކުރައްވަން ލޯބިކުރައްވާ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އެކަމަކު ވެސް އުރުދުޣާންއާ މަޝްވަރާކުރެއްވުން އެހާ ފަސޭހަ ނޫން ކަމަށް ރިޔާސީ ގަނޑުވަރު، ކްރެމްލިންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕޫޓިން ދާދި ފަހުން ވިދާޅުވި އެވެ.

އެހެންކަމުން ބެލެވެނީ ރަޝިއާ އާއި ޔުކްރޭން މަޝްވަރާއަށް ތުރުކީން ގޮވާލައި މެދުވެރިއަކަށް ވުމަށް ހުށަހަޅައިފި ނަމަ ދެގައުމުން ވެސް ބަލައިގަންނާނެ ކަމަށެވެ.

އެެހެން ނަމަވެސް، އެމެރިކާ އާއި ނޭޓޯގެ ނުފޫޒާ ހެދި ތުރުކީއަށް ވަކި ޚާއްސަ ޖާގައެއް ދިނުމަކީ މިދަނޑިވަޅުގައި ޔުކްރޭނުން ކޮށްފާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ސަރަހައްދުގައި ހަމަނުޖެހުން ހިނގުމަކީ އުރުދުޣާން ވިދާޅުވި ގޮތުގައި ގައުމުތަކެއް ހަލާކުވެދޭނެ ކަމެކެވެ. އެހެންކަމުން ކޮންމެ އަގެއް ދައްކާފައި ނަމަވެސް ދެގައުމު ސުލްހަކުރުން ނޫން ގޮތެއް އިޚުތިޔާރު ކުރެވޭކަށް ނެތެވެ.

އުރުދުޣާން ވިދާޅުވީ މަޝްވަރާ މޭޒު މިހާރު ވެސް ހުރީ ތައްޔާރަށް ކަމަށާއި ދެއަތް އުރާލައިގެން ތުރުކީއަށް އޮވެވޭކަށް ނެތް ކަމަށެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް ކިޔެވްއަށް ދަތުރެއް ކުރައްވާނެ އެވެ. އަދި މޮސްކޯއަށް ވެސް ދަތުރެއް އެޖެންޑާ ކުރައްވާނެ އެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުދާސްވެފައި އޮތް ގުޅުން މިހާރު އޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގަ އެވެ. ދެގައުމު ސުލްހަކުރެވޭތޯ ގައުމުތަކުން މަސައްކަތްކުރަމުން ގެންދާއިރު ވެސް އަދި އަލިމަގެއް ނުފެނެ އެވެ.

ޔުކްރޭނުން ބުނާ ގޮތުން އެގައުމާ ވަރަށް ގާތުގައި ރަޝިއާގެ 100،000 އަށް ވުރެ ގިނަ ސިފައިން ބަރުހަތިޔާރުގައި އެބަ ތިއްބެވެ. ރަޝިއާގެ މަގުސަދަކީ ކްރައިމިއާ ހިފި ގޮތަށް ޔުކްރޭން ހިފުން ކަމަށް ވެސް އެގައުމުން ބުނެ އެވެ.

ރަޝިއާއިން އަސްކަރީ ފައުޖުތައް ބޭރު ގައުމެއްގައި ޖަމާނުކުރާ ކަމަށް ރަޝިއާ ބުނެ އެވެ. ޔުކްރޭނާ ރަޝިއާއާ ގުޅޭ ބޯޑަރުގައި ރަޝިއާ އަސްކަރީ ފައުޖުތައް ތިބި ނަމަވެސް އެއީ ޔުކްރޭނަށް އަރައިގަންނަން ކުރާ ކަމެއް ނޫން ކަމަށް ރަޝިއާ ބުނެ އެވެ.

ރާޝީއާ ބުނާ ގޮތުން ނޭޓޯ ސިފައިން ރަޝިއާއާ މާބޮޑަށް ގާތްވުމަކީ މައްސަލައެއް ކަމަށާއި ޔުކްރޭނުން އެފުރުސަތު ނޭޓޯއަށް ދީގެން ނުވާނެ ކަމަށެވެ.