އުރީދޫ

އުރީދޫގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރަކަށް ވާން ފުރުސަތު

Jan 22, 2022

އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން މިފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު އެވެ.

އުރީދޫން ބުނީ ރާއްޖޭގައި ކޮވިޑް-19 މިހާރު ފެތުރެމުންދާ މިންވަރަށް ބަލައި، ބޯޑު ޑިރެކްޓަރުންގެ މަގާމަށް ކުރިމަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވިއިރު ބައެއް ހިއްސާދާރުން ހުށަހަޅާފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުޅަހަޅާފައި ނުވާއިރު ދެން ތިބީ މަގާމުގެ ޝަރުތު ހަމަނުވާ ފަރާތްތަކެއް ކަމަށެވެ. އެހެންވެ އަލުން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުގެ މަގުސަދަކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށްފައިވާ ފޯމެއް ހުށަހެޅުމުގެ ހަމަހަމަ ފުރުސަތު ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"މި ފުރުސަތު ހުޅުވާލުމާއެކު، ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ، ހުނަރުވެރި ގާބިލު ބޭފުޅުން މި މަގާމަށް ކުރިމަތިލައްވާނެ ކަމަށް އަޅުނޑުމެން އުއްމީދު ކުރަމެވެ،" އުރީދޫން ބުނެފައިވެ އެވެ.

އާންމު ހިއްސާދާރުންގެ ޑިރެކްޓަރަކަށް ވުމަށް ކުރިމަތިލުމަށް އަލުން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ބޯޑު ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް އިން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.


މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިއްސާދާރަކަށްވުން ނުވަތަ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަހްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވުން ހިމެނެ އެވެ. އަދި ކުންފުންޏާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ކޯޕަރޭޓް ގަވާނަންސް ކޯޑްގައި ބަޔާންކޮށްފައިވާ ފެންވަރުތަކާއި ޝަރުތުތައް -- އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ޝަރުތު ހިމެނޭ ގޮތަށް ހަމަވާ ފަރާތެއް ކަމަށްވުމާއި ސީއެމްޑީއޭގެ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕާ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން ހިމެނެ އެވެ.

މީގެ އިތުރުން އެހެން ޝަރުތުތަކުގެ ތެރޭގައި ބައިނަލްއަގްވާމީގޮތުން ބަލައިގަންނަ ޔުނިވަސިޓީ އަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުމާއި ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރުގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ވެސް ހިމެނެ އެވެ. ތަޖުރިބާގެ ތެރެއިން މަދުވެގެން އެއް އަހަރު އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން ހިމެނެ އެވެ.

އުރީދޫން ބުނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ލިސްޓެޑް ދެ ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ވުރެ ގިނައިން މި ވަގުތު ހުރި ފަރާތަކަށް ނުވުން ވެސް އެއީ ޝަރުތެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓަރެއް ނުވަތަ ރެގިއުލޭޓަރެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓަރަކާ އެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން އެއް އަހަރު ވާން ޖެހެ އެވެ.

އުރީދޫ މޯލްޑިވްސް ނުވަތަ ވާދެވެރި ކުންފުންޏެއް ނުވަތަ ރެގިއުލޭޓަރެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން ވެސް ހިމެނެ އެވެ. މީގެ އިތުރުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އިތުރު ބައެއް އެހެން ޝަރުތުތައް ވެސް ހުންނަން ޖެހެ އެވެ.