ދުނިޔެ

ގަތަރު އެއާވޭސް ބޯޓުތަކުގެ މައްސަލަ އަރައިރުމަކަށް

އެއާބަސްއިން ގަތަރު އެއާވޭސްއަށް ސަޕްލައިކުރި އޭ350 މަރުކާގެ މަތިންދާބޯޓުތަކުން ތޮށި ނޮޅޭ މައްސަލަ ކޮޅެއްގައި ނުޖެހި އަރާރުމަކަށް ބަދަލުވެއްޖެ އެވެ.

އޭ350 މަތިންދާބޯޓުތަކުން ދަވާދު ނޮޅެން ފެށުމާއެކު ގަތަރު އެއާވޭސްއިން ވަނީ އެއާބަސްގެ ސަމާލު ކަމަށް އެކަން ގެންގޮސްފަ އެވެ. ދެ ކުންފުނީގެ ދެމެދުގައި ދުވަސްތަކެއް ވަންދެން މިކަމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތައް ފޭލިވެ މި މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

އަނެއް ކޮޅުން ގަތަރު އެއާވޭސްއަށް އަލަށް ގަންނަން އޯޑަރުދިން އޭ321 ނިއޯ މަރުކާގެ 50 މަތިންދާބޯޓް ވެސް، އަރައިގަތް ރުޅީގައި އެއާބަސްއިން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. މިއީ ހަ ބިލިއަން ޑޮލަރުގެ ޑީލެކެވެ.

ގަތަރު އެއާވޭސްއިން ޔޫޓިއުބުގައި އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި އޭ350 މަރުކާގެ ބައެއް ބޯޓުތަކުން ދަވާދު ފޮޅި\، ދަށުގައި އަޅާފައި އޮންނަ ރަތުލޮއި / ކާބަން ފައިބަރު ދާގަޑު ފެނެ އެވެ. އެއީ ވިދާ ގުގުރާއިރު ބޯޓު ރައްކާތެރި ކުރުމަށް އަޅާފައި އޮންނަ ނަރުދާގަނޑެކެވެ.

މިސަބަބާ ހެދި ގަތަރުގެ އިދާރާތަކުން އެއާބަސް އޭ350 މަރުކާގެ މަތިންދާބޯޓުތައް ގުރައުންޑް ކުރަން ވެސް އޮތީ އަންގާފަ އެވެ. އެހެންކަމުން ގަތަރު އެއާވޭސްގައި ބޭނުންކުރާ މި މަރުކާގެ 53 ބޯޓުގެ ތެރެއިން 21 ބޯޓް ގުރައުންޑްކޮށްފައިވާ ކަމަށް އެއާލައިނުން ބުނެ އެވެ.

ގަތަރު އެއާވޭސް އާއި އެއާބަސްއާ ދެމެދު މަސްލަހަތު ފުށުއަރަން މެދުވެރިވީ ގަތަރު އެއާވޭސްއިން ގެއްލުމަށް ބަދަލު ހޯދަން އެދުމުންނެވެ.

ބޯޓުތަކަށް މިހާރު ލިބިފައި ހުރި ގެއްލުންތަކަށާއި ބޯޓުތަކުގެ ދަތުރުތައް މެދުކަނޑާލަން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލަށް 618 މިލިއަން ޑޮލަރު ހޯދަން ގަތަރު އެއާވޭސްއިން ވަނީ އެދިފަ އެވެ. އަދި ގެއްލުންތައް ތަހައްމަލު ކުރާ ކޮންމެ ދުވަހަކަށް އިތުރު ހަތަރު މިލިއަނަށް ވެސް ވަނީ އެދިފަ އެވެ.

އެއާބަސްއިން ބުނީ މަތިންދާބޯޓުތަކުން ދަވާދު ނޮޅުމަކީ މައްސަލައެއް ކަމަށާއި އެކަމަކު އެކަމުގެ ސަބަބުން ބޯޓުގެ ރަައްކާތެރި ކަމަށް އުނިކަމެއް ނާންނާނެ ކަމަށެވެ.

ގަތަރު އެއާވޭސްއިން އެއާބަސް ގޮވައިގެން ކޯޓަށް ދިއުމުން އެއާބަސްއިން ބުނީ ގަތަރު އެއާވޭސްގެ ވިސްނުން ހުރީ އެއާބަސް އަތުން ބޮޑު ބަދަލެއް ހޯދާ ގޮތަށް ކަމަށެވެ.

އެއާބަސްއިން ބުނާ ގޮތުން ގަތަރު އެއާވޭސް އުޅެނީ މާބޮޑުވަރު ކޮށްލައިގެނެވެ. މި މައްސަލާގައި އެހެން ސިފައެއް ޖެހިފައި އޮތް ކަމަށް ވެސް އެއާބަސް ތުހުމަތުކުރެ އެވެ.

ގަތަރު އެއާވޭސްއިން 2017 ގައި އެއާބަސްއާ އެކު މިޑީލް ހެދީ 6.35 ބިލިއަން ޑޮލަރަށެވެ. އެހެން ނަމަވެސް ގަތަރު އެއާވޭސްއިން ބުނާ ގޮތުން އެއާބަސް އޭ350 މަރުކާގެ ބޯޓުތަކަށް ދެން އިތުރު އޯޑަރެއް ނުދޭނެ އެވެ.