ޑީއެޗްއެލްގެ މުދާއުފުލާ މަތިންދާބޯޓެއް ލިތުއޭނިއާގެ ވެރިރަށް، ވިލްނިއަސްއަށް ވެއްޓިއްޖެ އެވެ. އިދާރާތަކުން ބުނާ ގޮތުން ބޯޓުވެއްޓުނީ ވިލްނިއަސް އެއާޕޯޓާ ކައިރި ހިސާބަކަށެވެ. މި ހާދިސާގައި އެކަކު މަރުވެ، ތިން މީހަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މިއީ ޑީއެޗްއެލްގެ ޕާރުސަލް އުފުލާ ބޮއިން 737-400 ގެ މަތިންދާބޯޓެކެވެ. ބޯޓު ތަރުކުރީ ޖަރުމަނުން ފުރައިގެން ލިތުއޭނިއާއަށެވެ.
މަތިންދާބޯޓު ވެއްޓުނު ސަބަބު އަދި ކަށަވަރެއް ނުވެ އެވެ. ތަހުގީތު ޓީމުތަކުން ބުނާ ގޮތުން ބޯޓުވެއްޓުމުގައި ތިންވަނަ ފަރާތެއްގެ ބައިވެރިވުމެއް އޮތް ކަމަކަށް ނުބެލެވެ އެވެ. އެންމެ ބޮޑަށް ވައްތަރީ ޓެކްނިކަލް މައްސަލައަކާ އެވެ. ޕައިލެޓަށް ހެދުނު ގޯހަކުން ވެއްޓުނީ ކަމަށް ވެދާނެ ކަަމަށް އޮފިޝަލުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަތިންދާބޯތު ވެއްޓުނު ސަބަބުތައް ހޯދާ ބޮލުމުގައި އެއީ ޓެރަރިސްޓުން ދިން ހަމަލާއެއްތޯ ވެސް ބަލާނެ އެވެ. އެކަމަކު އެކަހަލަ އެއްވެސް ނިޝާނެއް -- ބޯޓު ވެއްޓެން އައިރުވެސް ފެންނަން ނެތް ކަމަށް އޮފިޝަލުން ބުނެ އެވެ.
ޑީއެޗްއެލް މަތިންދާބޯޓު ވެއްޓުނު މަންޒަރު އެތައް ބައެއްގެ ހަމަލޮލަށް ވަނީ ފެނިފަ އެވެ. އަދި ސީސީޓީވީއަށް ވަނީ ވަރަށް ސާރުކޮށް އަރާފަ އެވެ. ބޯޓަށް ހަމަލާއެއް އެރި ތަން އެއިން އެއްވެސް މައްޒަރަކުން ފެންނާކަށް ނެތެވެ.
މަތިންދާބޯޓު ވެއްޓުނީ ވިލްނިއަސްގެ އިމާރާތްތަކެއްގެ ތެރެއަށް ކަމަށް ވާތީ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ބޯޓު ވެއްޓުމާ އެކު މުޅި ބޯޓުގައި އަލިފާން ރޯވެ ވަނީ ގޮވާފަ އެވެ. އިމާރާތްތަކުގެ އިތުރުން ޕާކުކޮށްފައި ހުރި ކާރާއި ބަސް ފަދަ އުޅަނދުތަކަކަށް ވަނީ ބޮޑެތި ގެެއްލުންތަކެއް ލިބިފަ އެވެ.
މީހުން ސަލާމަތްކުރުމުގައި އުޅުނު ފަޔާފައިޓަރުން ބުނި ގޮތުން ބޯޓުގެ ދެ ޕައިލެޓުން، ވެއްޓިފައި އޮތް ބޯޓު ތެރެއިން ނެރެ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި ބޯޓުގެ ފަޅުވެރިއެއްގެ ހަށިގަނޑު ވެސް ވަނީ -- އަނދަމުން ދިޔަ ބޯޓު ތެރެއިން ނެރެފަ އެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން ބޯޓު ވެއްޓުނު ސަރަހައްދު ވަނީ ޕާރުސަލުން ފުރިފަ އެވެ. ބޯޓުގައި -- ކޮންޓޭނަރުތަކުގައި ހުރި މުދާތައް ވަނީ މުޅި ތަނަށް ބުރައިގެން ގޮސްފަ އެވެ.
ލިތުއޭނިއާގެ ސްޓޭޓް ސެކިޔުރިޓީ ޑިޕާޓްމަންޓުން ބުނާ ގޮތުން މަތިންދާބޯޓު ވެއްޓުނީ ބައެއްގެ އިހުމާލުން ކަމަށް ބުނަން އަދި މާ އަަވަހެެވެ. އެކަމަށް ބާރުދޭ ހެއްކެއް ނެތި އެއްވެސް ބައެއްގެ ބޮލުގައި އިލްޒާމެއް ނާޅުވާނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.