ދުނިޔެ

ދުބާއީން ފުރި ހެލިކޮޕްޓަރެއް ޕައިލެޓުންނާ އެކު ކަނޑަށް

އޭރޯގަލްފަށް ނިސްބަތްވާ ހެލިކޮޕްޓަރެއް ދުބާއީގެ އަލް މަޚްތޫމް އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ތަނުން ދިމާވި މައްސަލައެއްގައި -- ދެ ޕައިލެޓުންނާ އެކު ކަނޑަށް ވެއްޓިއްޖެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން ހެލިކޮޕްޓަރު އޮތް ތަނުން ބައެއް ސާމާނު މިހާރު ވަނީ އެއްގަމަށް ގެނެސްފަ އެވެ. ނަމަވެސް ޕައިލެޓުންގެ ހާލަތާ ބެހޭ އިތުރު މައުލޫމާތެއް އާންމެއް ނުކުރެ އެވެ.

މި ދެ ޕައިލެޓުންގެ ތެރެއިން އެކަކީ މިސްރު މީހެކެވެ. އަނެއް ޕައިލެޓް ނިސްބަތް ވަނީ ދެކުނު އެފްރިކާ އަށެވެ.

ދުބާއީ ސިވިލް އޭވިއޭޝަނުން ބުނާ ގޮތުން މި ހެލިކޮޕްޓަރަކީ ތަމްރީން ތަކެއްގައި އުދުހުނު ހެލިކޮޕްޓަރެކެވެ. ނަމަވެސް މި ޓްރޭނިންއާ ބެހޭ ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

ޔޫއޭއީ އާއި ސައޫދީ އަރަބިއްޔާ ގުޅިގެން -- ބޯޑަރު ބެލެހެއްޓުމަށް ކުރާ މަސައްކަތްތަކުގައި އުދުހޭ ބައެއް ފައިޓަރު ޖެޓުތަކަށް ވެސް، ތަފާތު މައްސަލަތައް މި ފަހުން ވަނީ ކުރިމަތިވެފަ އެވެ.

ސައޫދީ އަރަބިއްޔާގެ ދެ ޖެޓެއް، ޔަމަނު ބޯޑަރުގައި އުދުހެނިކޮށް ވެސް ވަނީ ވެއްޓިފަ އެވެ. އަދި ޔޫއޭއީގެ ޖެޓަށް ވެސް ނުރައްކާތެރި ހާލަތެއް ވަނީ ތަމްރީން ތަކެއްގައި ކުރިމަތިވެފަ އެވެ.

ސައޫދީ، ޔަމަން ބޯޑާރަކީ އަރަބި އެކުވެރި އަސްކަރީ ފައުޖުތަކަށް ރައްކާތެރި މާހައުލެއް ނޫނެވެ. ޔަމަނުގައި ވަކި ދައުލަތެއް ގާއިމުކުރަން ހަރަކާތްތެރިވާ ހޫސީންނާ ހެދި ސައޫދީ އަދި ޔޫއޭއީގެ މުދަލަށް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ.