އެމިރޭޓްސް އެއާލައިނުން ނޮވެމްބަރު 14 އާ ހަމައަށް އެއްވެސް ފްލައިޓެއް ޔަހޫދީންގެ ވެރިރަށް -- ތެލްއަވީވްއަށް ނުކުރާނެ ކަމަށް އެ އެއާލައިނުން އިއުލާންކޮށްފި އެވެ.
ޔަހޫދީ ދައުލަތުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމިރޭޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި ވިޔަފާރީގެ ބައިވެރިންނާއެކު މިކަމާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޔަހޫދީ ފައިޓަރު ޖެޓްތައް ކޮޅުކޮޅަށް ދުއްވާއިރު އެމިރޭޓްސްގެ މަތިންދާބޯޓުތައް އެ ދިމާގައި ދަތުރުނުކުރާނެ ކަމަށް އެއާލައިންގެ އޮފިޝަލުން ހަބަރަށް ޔަގީންކޮށްދެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުން އެމިރޭޓްސްއަށް މުހިއްމީ ފައިސާއަށް ވުރެ ޕެސެންޖަރުންގެ ފުރާނަ އެވެ. އެ މީހުންނަށް ރައްކާތެރިކަން ކަށަވަރުކުރެވެން ނެތް ސަރަހައްދެއްގައި އެމިރޭޓްސް އިން ހިދުމަތް ނުދޭނެ ކަމަށްވެސް ބުންޏެވެ.
އެމިރޭޓްސްއިން ތެލްއަވީވަށް ކުރާ ދަތުރުތަކަށް މި ބަދަލު ގެނައިއިރު، ކެތޭ ޕެސިފިކުން ވެސް ވަނީ ތެލްއަވީވްއާ ހޮންކޮންގްއާ ދެމެދު ކުރާ ދަތުރުތައް މި އަހަރުގެ ނިޔަލަށް ހުއްޓާލާފަ އެވެ.
މި އެއާލައިންތަކުން ޓިކެޓް ބުކްކޮށްފައި ތިބި މީހުންނަށް އަނބުރާ ފައިސާ ދިނުން ނުވަތަ އެހެން އެއާލައިނަކުން -- އެހެން މަގަކުން ޔަހޫދީންގެ ވެރިރަށަށް ދަތުރުކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ޔަހޫދީ ފައިޓަރު ޖެޓްތަކުން ޣައްޒާއަށާއި ލުބުނާން އަދި ސީރިއާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު މިހާރު އޮތީ ހަނގުރާމައިގެ މައިދާނަކަށް ވެފަ އެވެ.
ސީރިއާ އާއި ލުބުނާން އަދި ޣައްޒާގައި ތިބި ހަމާސްގެ ހަނގުރާމަވެރިން ވެސް ޔަހޫދީ ދާއިރާތަކަށް އަދި ސެކިއުރިޓީ ޗެކް ޕޯސްޓްތަކަށް މިހާރު ވެސް ރޮކެޓް ހަމަލާތައް ދެއެވެ.
ދަރުތުވެރިން ގޮވައިގެން ދަތުރުކުރާ މަތިންދާބޯޓަކަށް ހަނގުރާމައިގެ ހަމަލާއެއް އެރުމަކީ -- ސަރަހައްދުގައި މަސްލަހަތު އޮތް ގޮތުން މެދުވެރިވެދާނެ ހާލަތެކެވެ.
ޔަހޫދީ އަސްކަރިއްޔާ އިން ލުބުނާނަށް ފޮނުވަން އުޅުނު ރޮކެޓް ހަމަލާއެއް ފާލުން ނައްޓައި މިދާކަށް ދުވަހު ވަނީ މިސްރަށް ވެއްޓި އެތައް ބަޔަކަށް އަނިޔާވެފަ އެވެ.
މި ހަމަލާއާ ގުޅިގެން ޔަހޫދީ ސަރުކާރުން ވަނީ މިސްރުގެ ކިބައިން މައާފަށްވެސް އެދިފަ އެވެ. މި މައްސަލަ އެހާ އަވަހަށް ކޮޅެއްގައި ޖެހި އަރާރުމަކަށް ނުވެ ހައްލުކުރެވުނީ ޔަހޫދީން ކުށް ގަބޫލުކޮށް މައާފަށް އެދުމުންނެެވެ.
މިސްރުގެ އިދާރާތަކުން ވެސް މި ހަމަލާ ކަށަވަރުކޮށްދިން ނަމަވެސް ބުނީ އެއީ އެކްސިޑެންޓަކުން ހިނގި ކަމެއް ކަމަށެވެ.