ދުނިޔެ

ރަޝިއާއިން ހަމާސްއަށް މަޝްވަރާއަށް ދައުވަތު ދީފި

ރަޝިއާއިން ހަމާސް އާއި ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އަށް އަދި ފަލަސްތީންގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދާއި ފަތަހަ ޖަމާއަތަށް -- މަޝްވަރާއަށް މޮސްކޯއަށް ދައުވަތު ދީފި އެވެ.

މަޝްވަރާގައި ބޮޑަށް އޮންނާނީ އޮފިޝަލުން ވިދާޅުވާ ގޮތުން މެދުއިރުމަތީގެ ސުލްހަ ގާއިމުކުރެވޭނެ ގޮތެއް ހޯދުމެވެ. އަދި ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުންވެސް މަޝްވަރާކުރާނެ އެވެ.

ރަޝިއާއިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިޚައިލް ބޮގްދަނޯފްއާ ހަވާލާދީ ތާސް ނޫސް އެޖެންސީ ބުނާ ގޮތުން މަޝްވަރާތައް މޮސްކޯގައި ފަށާނީ ފެބްރުއަރީ 29 ގައެވެ.

މި ބައްދަލުވުމުގައި ލުބްނާން އާއި ސީރިއާ އަދި ފަލަސްތީންގައި ހަރަކާތްތެރިވާ ބައެއް ޖަމައަތްތައް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން މެދުއިރުމައްޗަށް ގަދަކުރަން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުންވެސް ބައްދަލުމުގައި މަޝްވަރާކުރާނެ އެވެ. އަދި އެމެރިކާއިން އިޒުރޭލަށް ދޭ އަސްކަރީ އެހީތަކާއި ފަލަސްތީންގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާކުރަން ކުރާ މަސައްކަތަކަށް ވެސް އަލިއަޅުވާލާނެ ކަމަށްވެ އެވެ.