ބޮލީވުޑް

"ނީރްޖާ": ހިތްވަރުގަދަ ކަމުގެ މިސާލެއް!

Dec 19, 2015
1

ހަތިޔާރު އަޅައިގެން ތިބި ޓެރަރިސްޓުންތަކެއްގެ ކިބައިން 359 ޕެސެންޖަރުން ސަލާމަތްކުރުމަށް އަމިއްލަ ފުރާނަ ގުރުބާންކޮށްލި ހިތްވަރުގަދަ ޒުވާން ކެބިން ކްރޫ ނީރްޖާ ބެނޮތްގެ ހަޔާތުގެ ވާހަކައިން ގައިން ހީބިހި ނަގައިގެންދާނެ އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި ހައިޖެކްކުރި ޕޭން އޭމް ފްލައިޓް 73ގެ ތެރޭގައި ޓެރަރިސްޓުންގެ ކިބައިން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރާލި އުމުރުން އެންމެ 23 އަހަރުގެ އިންޑިއާގެ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބެނޮތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ނީރްޖާ"ގެ ފުރަތަމަ ޓްރެއިލާ ވަނީ އިއްޔެ ރިލީޒްކުރި ފިލްމު "ދިލްވާލޭ" އާއެކު އާންމުކޮށްފަ އެވެ.

"ނީރްޖާ" ޓްރެއިލާ:

މިފިލްމުގެ ފުރަތަމަ ޓްރެއިލާއިން ނީރްޖާގެ ރޯލު ކުޅެފައިވާ ބަތަލާ ސޯނަމް ކަޕޫރު އެރޯލު ކުޅެފައިވާލެއް މޮޅުކަން ފާހަގަކުރެވެ އެވެ. ގިނަފަރާތްތަކަކުން ވަނީ މިއީ މިހާތަނަށް ސޯނަމްގެ ފަރާތުން ފެނިގެންގޮސްފައިވާ އެންމެ މޮޅު އެކްޓިން ކަމަށް ބުނެފަ އެވެ.

"ނީރްޖާ"ގެ ފުރަތަމަ ޓްރެއިލާއިން ފެނިގެންދަނީ މޮޑެލްއެއްގެ އިތުރުން ކެބިން ކްރޫއެއްގެ ވަޒީފާ އަދާކުރަމުން އަންނަ އާއިލާގެ އެންމެން އިންތިހާއަށް ލޯބިވާ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. ކެބިން ކްރޫގެ ވަޒީފާ ދޫކޮށް މޮޑެލްކުރުމުގެ ދާއިރާއިން ކުރިއަށްދާން އާއިލާއިން ނީރްޖާ ކައިރިން އެދުނު ނަމަވެސް އޭނާ ވަނީ ކެބިން ކްރޫއެއްގެ ވަޒީފާއަކީ އޭނާ ވަރަށް ގަޔާވެގެން ކުރާ ކަމަށް ވުމުން އެކަން ދޫކޮށްލުމަށް ދެކޮޅު ހަދާފަ އެވެ.

އާއިލާއިން ނީރްޖާކުރެން ކެބިން ކްރޫގެ ވަޒީފާ ދޫކޮށްލުމަށް އެދުނު ނަމަވެސް އެކަމަށް އޭނާ ދެކޮޅު ހަދައި، ކުރާ ދަތުރެއްގައި ޓެރަރިސްޓުން އެފްލައިޓް ހައިޖެކްކުރުމުން އެމީހުންގެ ކިބައިން ޕަސެންޖަރުން ސަލާމަތްކުރުމަށް އޭނާ ކުރާ ހިތްވަރުގަދަ މަސައްކަތް އަދި އަމިއްލަ ފުރާން އަތް މައްޗަށް ލައިގެންވާ ގުރުބާނީ ވަނީ އޭގެ އެންމެ ފުރިހަމަ އަސަރުތަކާއި އެކު ދައްކުވައިފަ އެވެ.

ޓެރަރިސްޓުން އެފްލައިޓް ހައިޖެޖްކުރުމުން އެކަމާއި ބިރުން ސޯނަމް ރޯތަން ފެނިގެން ދިޔަ ނަމަވެސް އޭނާވަނީ ބިރުން ހިތްވަރު ލިބިގެން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރަން ޓެރަރިސްޓުންނާއި ދެކޮޅަށް ތެދުވެފަ އެވެ.

"ނީރްޖާ" އަކީ އަންނަ އަހަރުގައި ނިކުތުމަށް ހުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ފިލްމަކަށްވީއިރު، ފިލްމުގެ ފުރަތަމަ ޓްރެއިލާއާއެކު ބެލުންތެރިން މިފިލްމަށް ކުރަމުންދާ އިންތިޒާރު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަން ޔަގީނެވެ.

ރާމް މަދްވާނީ ޑައިރެކްޓްކޮށްފައިވާ މިފިލްމު އަންނަ ފެބްރުއަރީ 19ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިފިލްމުގައި ސޯނަމްގެ މަންމަގެ ރޯލުން ފެނިގެންދަނީ ޝަބާނާ އާޒްމީ އެވެ. އަދި މުހިންމު ރޯލުން ޝޭކަރް ރަވްޖިއާނީ ވެސް ފެނިގެންދާނެ އެވެ.

ޓެރަރިންސްޓުން ހަމަލާތަކުން ޕަސިންޖަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމީހުންގެ ހަމަލާތައް އަމާޒުވެ ނީރްޖާ މަރުވެފައިވަނީ ބޯޓް ހައިޖެކްކޮށްގެން 17 ގަޑިއިރަށް ވުރެން ގިނައިރު އުޅުމަށްފަހު ޓެރަރިސްޓުން ބޯޓުގެ ތެރެއަށް ބަޑިޖަހަން ފެށުމުން ކުޑަ ތިން ކުއްޖަކު ސަލާމަތްކުރުމަށް ބޯޓުގެ އެމަޖެންސީ ދޮރު ހުޅުވައި، އެކުދިން ސަލާމަތް ކުރުމަށް އޭނާގެ ހަށިގަނޑު ދިއްކޮށްގެން ހުއްޓަ އެވެ.

ނީރްޖާގެ ހިތްވަރުގަދަކަން ފާހަގަކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން އޭނާއަށް އަޝޯކް ޗަކްރާ އެވޯޑު ދީފައި ވެއެވެ. ނީރްޖާ އަކީ މިހާތަނަށް މިވޯޑު ލިބުނު އެންމެ ހަނގު މީހާ ވެސްމެ އެވެ.