ބޮލީވުޑްގައި އެންމެ ނަން ހިނގާ ދެމަފިރިން ކަމަށްވާ އައިޝްވާރިޔާ ރާއި އާއި އަބީޝެކް ބަޗަން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދެވެފައި ވަނިކޮށް ދެމަފިރިން އެކުގައި ފެނިލައިފި އެވެ.
މިފެނިލުމާ އެކު މި ދެމަފިރިންނަށް ތާއީދުކުރާ މީހުން އުފަލުން ގޮތެއް ނެތެވެ.
އައިޝްވާރިޔާ އާއި އަބީޝެކްގެ ކައިވެނީގެ މައްސަލަތަކާ ގުޅޭގޮތުން އިންޑިއާގެ ނޫސްތަކުގައި ދޭތެރެދޭތެރެއިން ކޮންމެވެސް ވާހަކަތަކެއް ތިލަކޮށްލަ އެވެ. އެކަމަކު މިފަހަރު އެ ވާހަކަތައް ދެކެވެމުން ދިޔައީ ކުރިއަށް ވުރެ ސީރިއަސްކޮށެވެ.
އައިޝްވާރިޔާ އާއި އަބީޝެކް ވަރިވާން އުޅޭ ކަމަށް ބުނެ މިފަހަރު ވާހަކަތައް ދެކެވެން ފެށީ މިފަހުން އަބީޝެކް ހަފްލާއަކުން ފެނުނުއިރު އަތުގައި އޮތް ކައިވެނީގެ އަނގޮޓި ނެތުމުންނާއި، އައިޝްވާރިޔާގެ އުފަން ދުވަހުގެ އެއްވެސް ހަފްލާއަކުން އަބީޝެކް ނުފެނުމުގެ އިތުރުން ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތަކުން އައިޝްވާރިޔާއަށް އުފަން ދުވަހުގެ ތަހުނިޔާވެސް ކިޔާފައި ނުވާތީ އެވެ.
މީގެއިތުރުން އައިޝްވާރިޔާއަށް ވަރަށް ހެޔޮ ކަމަށް ބުނާ ބަފައިބެ -- އަމީތާބް ބަޗަންގެ އިންސްތާގުރާމު އެކައުންޓުން އައިޝްވާރިޔާ އަންފޮލޯ ކޮށްލުމަކީވެސް އައިޝްވާރިޔާ އާއި އަބީޝެކްގެ ކައިވެނީގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެދިން ހެއްކެކެވެ.
މިހުރިހާ ވާހަކަތަކެއް ދެކެވި މިހުރިހާ ކަމެއް ހިނގަމުން ދަނިކޮށް ރޭ މުމްބާއީގައި ބޭއްވި ދިރުބާއީ އަމްބާނީ އިންޓަނޭޝަނަލް ސްކޫލްގެ އަހަރީ ހަފްލާގައި ދެ ފަންނާނުން ވަނީ އެކުގައި ބައިވެރިވެފަ އެވެ. އެހެންވެ މި ދެ ފަންނާނުން ވަކިވާން އުޅޭ ކަމަށް ބުނާ ވާހަކަތައް އެއީ ދޮގެއް ކަމަށް މިހާރު ބައެއް ނޫސްތަކުން ވަނީ ނިންމާފަ އެވެ.