ބޮލީވުޑް

އަމިއްލައަށް ކެރިއަރު ހަލާކު ކޮށްލި ތަރިން!

މަޝްހޫރުވުމަކީ ބައެއް މީހުންނަށް އެމީހާ އޮޅޭ ކަމެކެވެ. މަޝްހޫރު ވުމުން އެކަން ޕޮޒިޓިވްކޮށް ނުނެގިއްޖެނަމަ އޭގެ ގެއްލުން ވަރަށް ފަސޭހައިން އެމީހަކަށް ލިބެ އެވެ. މީހަކު މަޝްހޫރުވުމުގެ މާނައަކީ އޭނާ ކުރާ ކޮންމެ ކަމެއް އޭނާގެ ކޮންމެ ހަރަކާތެއް ގާތުން ބަލާ މޮނިޓާކޮށް ޖަޖް ކުރާނެ އެތައް ބަޔަކު ތިބޭނެއޭ އެވެ. މަޝްހޫރުކަމުގެ އަގު ބައެއް ފަހަރަށް ވަރަށް ހިތި ގޮތަކަށް އަދާ ކުރަން ޖެހޭނީ އެހެންވެ އެވެ.

މަޝްހޫރު މީހުންނަށް މަޝްހޫރު ނޫން މީހުން އުޅޭ ގޮތަކަށް އާއްމުންގެ ތެރެއަށް ނުކުމެއެއް ނޫޅެވެ އެވެ. އަދި ނުކުތަސް އެމީހުންގެ ކޮންމެ ހަރަކާތަކަށް ފާރަލާ އެތައް ބަޔަކު ތިބޭކަން އެނގެން ޖެހޭނެ އެވެ. މިއީ މަޝްހޫރުވާ ކޮންމެ މީހަކު ވެސް އަދާކުރަން ޖެހޭ އަގެކެވެ.

މަޝްހޫރުކަމުގެ ބޭނުން ހެޔޮގޮތުގައި ނުހިފި އަމިއްލަ އަތުން ކެރިއަރު ހަލާކު ކޮށްލެވުނު ކިތަންމެ ފަންނާނުންނަށް އިންޑިޔާގެ ބޮލީވުޑުން ވެސް ފެންނާން އެބަތިއްބެވެ.

1
 

ވިވެކް އޮބްރޯއީ

ވިވެކް އަކީ ރީތި ޒުވާނެކެވެ. ކުޅަދާނަ އެކްޓަރެކެވެ. އޭނާގެ ބޮލީވުޑްގެ ފެށުން ވެސް ވަރަށް ރަނގަޅެވެ. ނަމަވެސް އަމިއްލަ އަތުން އޭނާގެ ފިލްމީ ކެރިއަރު ބަރުބާދު ކޮށްލީ އެވެ. ބަތަލާ އައިޝްވަރިޔާ ރާއީގެ ލޯބީގައި ދީވާނާވެ އައިޝްވަރިޔާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނާ ދިމާ ކޮށްލުމުގެ ސަބަބުންނެވެ.

ވިވެކް ދެކޭ ގޮތުގައި އައިޝްވަރިޔާ އާއި އޭނާގެ ލޯބިގެ ގުޅުމެއް އޮތެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރަނީ ވިވެކް އުޅުނީ އައިޝްވަރިޔާ އާ ހެދި މަތިންބައިން ކަމަށެވެ. އަދި އައިޝްވަރިޔާ ވިވެކް ދުށީ ގާތް އެކުވެރިއެއްގެ ނަޒަރުން ކަމަށެވެ. ކޮންމެއަކަސް އައިޝްވަރިޔާ އާއި ވިވެކް އެއްކޮށް 2004 ގައި ކުޅުނު "ކިޔޫން ހޯ ގާޔާ ނާ" ކުޅުނު ދުވަސްވަރު އޮތް މި އެކުވެރިކަން ވިވެކް ނެގީ ވަރަށް ސިރިއަސް ކޮށެވެ. އައިޝްވަރިޔާ އޭރު އުޅެނީ ސަލްމާނާ ރުޅިވެގެންނެވެ. ނަމަވެސް އޭނާގެ ރުޅިވުން ގަބޫލު ކުރަން ސަލްމާނަކަށް ފަސޭހަ ކަމަކަށް ނުވި އެވެ. އެހެންވެ ވިވެކް އަށާއި އައިޝްވަރިޔާ އަށް ވެސް ފޯނުން ގުޅައި އަބަދު އުނދަގު ކުރަމުން ދިޔަ އެވެ. އެންމެ ފަހުން ވިވެކް ކުރި ކަމަކީ މީޑިއާގެ ގިނަ ބަޔަކު އެއްކޮށްފައި ސަލްމާން ފޯނުކުރާ ވާހަކައާއި އުނދަގޫކުރާ ވާހަކަތައް ދެއްކީ އެވެ. މިއީ އޭނާގެ ކެރިއަރު އަމިއްލަ އަތުން ފުނޑާލުން ފަދަ ކަމަކަށް ނޫނީ ނުވި އެވެ. ސަލްމާނަކީ އޭރު ވެސް ބޮލީވުޑްގައި ވަރަށް ބާރުގަދަ އެކްޓަރެކެވެ. ވީމާ ސަލްމާނާ ޖައްސާލައިގެން އެއްވެސް މީހަކަށް އެ އިންޑަސްޓްރީގައި ކާމިޔާބެއް ނުވާނެކަން އެންމެން ވެސް ގަބޫލު ކުރެ އެވެ.

ވިވެކް އަށް ފިލްމު އިންޑަސްޓްރީން އެއްވެސް މީހަކު މަސައްކަތް ނުދޭން ސަލްމާން އެންގި އެވެ. އަދި އެގޮތަށް ކަންތައް ކުރާކަން އޭނާ ޔަގީންވެސް ކުރި އެވެ. އެހިސާބުން ވިވެކްގެ ކުރިއަރަމުން އައި ކެރިއަރު ވަޅުގަނޑަކަށް ވެއްޓި ފުނޑުފުނޑުވީ އެވެ. އޭނާ މިހުރިހާ ކަމެއް ކުރީ އައިޝްވަރިޔާ އާ ހެދި ނަމަވެސް އައިޝްވަރިޔާގެ ސަޕޯޓް ވެސް ވިވެކްއަށް ނުލިބުނެވެ. ވިވެކް ޕްރެސް ކޮންފްރެންސް ބާއްވައި ސަލްމާނާއި އައިޝްވަރިޔާގެ ވާހަކަތައް ދެއްކުމުން އައިޝްވަރިޔާ ވެސް ރުޅިއައީ ވިވެކް ދެކެ އެވެ. އަދި އޭނާއާ އޮތް ގުޅުން އަބަދަށްޓަކައި ކަނޑާލި އެވެ.

2
 

ޝަކްތީ ކަޕޫރު

ފިލްމުގައި ނުބައި ބަޔާއި ހެއްވާ މަޖާ ބައިތައް ކުޅުމަށް ޝަކްތީ ވަރެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ޚާއްސަކޮށް ކާދަރް ޚާނާއި އާސްރާނީ އާއެކު ޝަކްތީ ވަރަށް ގިނަ ފިލްމުތަކެއްގައި ހެއްވާ މަޖާ ރޯލުތަކެއް ކުޅުނެވެ. ފިލްމު ކެރިއަރުގައި 700 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައިވާ ޝަކްތީ ވަނީ ކާދަރް ޚާނާއި އާސްރާނީ އާއެކު 100 އަށް ވުރެ ގިނަ ފިލްމުގައި އާދަޔާޚިލާފު ހެއްވާ މަޖާ ރޯލުތައް ކުޅެފަ އެވެ.

ނަމަވެސް އިންޑިއާ ޓީވީއިން 2005 ގައި ހިންގި ސްޓިންގް އޮޕަރޭޝަނެއްގައި ޝަކްތީ ފަޅާ އަރުވާލުމުން އޭނާގެ ކެރިއަރު ފުނޑުފުނޑުވީ އެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ޒުވާން އަންހެންކުދިންނަށް ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެ އެކުދިންނާއެކު ޖިންސީ ގުޅުންތައް ޝަކްތީ ހިންގަމުންދިޔަ ކަން މި ސްޓިންގް އޮޕަރޭޝަނުން ފަޅާ އެރުމުން ޝަކްތީ ދެކެ ލޯބީވީ އެތައް ހާސް ބަޔެއްގެ ނަފްރަތާއި މަލާމާތް އޭނާއަށް ކުރިމަތިވި އެވެ. އަދި އޭނާއަށް ކުޅޭނެ ފިލްމުތައް ލިބުން މުޅިން ބަންދުވި އެވެ.

3
 

އަބިޖީތު ބަޓަޗާރިޔާ

އަބިޖީތަކީ ވަރަށް ރީތި އަޑެއްގެ ވެރިއެކެވެ. ވަރަށް ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. ވަރަށް ގިނަ އެކްޓަރުންނަށް އަބިޖީތުގެ އަޑުން ލަވަ ކިޔައިދީފައި ވެއެވެ. އަބިޖީތުގެ ކެރިއަރު ފުނޑުފުނޑުވީ ފިލްމު އިންޑަސްޓްރީގެ މީހުންނާ ދިމާކޮށްލައި ކުރި ޓުވީޓުތަކެއްގެ ސަބަބުންނެވެ. ޚާއްސަކޮށް ބޮލީވުޑްގައި އެންމެ މަޝްހޫރު އަދި އެންމެ ބާރުގަދަ ތިން ޚާނުންނާ ޖައްސާލައި މީޑިއާގައި ވެސް އެމީހުންނާ ދެކޮޅު ވާހަކަތައް ދައްކަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ފިލްމު އިންޑަސްޓްރީގެ މީހުން އޭނާ ދެކެ އިންތިހާއަށް ފޫހިވި އެވެ. އޭނާގެ ހުނަރަށް ވުރެ އޭނާގެ އަނގަ ގަދަކަމުން އަބިޖީތަށް ލަވަ ކިއުމުގެ ފުރުސަތު ދިނުން އިންޑަސްޓްރީން ވަނީ މުޅިން ހުއްޓާލާފަ އެވެ.

4
 

ޝައިނީ އަހޫޖާ

ޝައިނި އަކީ ޒުވާން ރީތި އެކްޓަރެކެވެ. އަދި ފިލްމު ކުޅެން ފެށުމާއެކު ވަރަށް އަވަހަށް ކުރިއަރަމުން ވެސް ދިޔަ އެކްޓަރެކެވެ. ފިލްމު "ހަޒާރޯން ޚުވައިޝީ އޭސީ" އިން ބެސްޓް މޭލް ޑެބިއުގެ ފިލްމުފެއާ އެވޯޑޫ 2005 ގައި ޝައިނީ އަށް ލިބުނެވެ. އަދި އޭގެ ފަހުން "ގޭންގްސްޓާ"، "ވޯ ލަމްހޭ"، "ލައިފް އިން މެޓްރޯ"، "ބޫލް ބުލައްޔާ" އަދި "ވެލްކަމް ބެކް" ފަދަ ކާމިޔާބު މޮޅު ފިލްމުތަކެއްގައި އޭނާ މަސައްކަތް ކުރި އެވެ.

ޝައިނީގެ ކެރިއަރު ފުނޑުފުނޑުވީ އޭނާގެ ގޭގައި މަސައްކަތްކުރަން ގެންގުޅުނު 19 އަހަރުގެ އަންހެންކުއްޖެއް ރޭޕް ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރި ހިސާބުންނެވެ. އެ އަންހެންކުއްޖާ އަށް ބިރުދައްކައި އޭނާ ގޭގައި ބަންދުކޮށްގެން ގެންގުޅުމުގެ ކުށް ވެސް ޝައިނީގެ މައްޗަށް ސާބިތުވެފައި ވެއެވެ. ފަހުން އެ އަންހެންކުއްޖާ ވަނީ ޝައިނީ އާ ދެކޮޅަށް ދައުވާކުރަން ބޭނުން ނޫންކަމަށް ކޯޓުގައި ބުނެފަ އެވެ. ނަމަވެސް މައްސަލަ ބެލި ފަނޑިޔާރު ގަބޫލު ކުރެއްވީ ކުއްޖާ އެގޮތަށް ނިންމީ އޭނާގެ ނިކަމެތި ހާލުގެ ސަބަބުން ކަމަށެވެ. އެހެންވެ ޝައިނީ ހަތް އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.

5
 

ފަރްދީން ޚާން

ފަރްދީންގެ ބޮލީވުޑް ކެރިއަރު ވެސް ކުރިއަރަމުންދިޔަ ދުވަސްވަރެއް ދިޔަ އެވެ. ނަމަވެސް މީޑިއާ އާ އޭނާ އާ ދެމެދު އުފެދުނު މައްސަލަތަކެއްގެ ސަބަބުން ފަރްދީނުގެ ކެރިއަރު ވަޅުޖެހުނީ އެވެ. ފަރްދީން ކޮކެއިން ގަނެ ބޭނުންކުރާ ކަމަށް މީޑިއާތަކުން 2001 ގައި ރިޕޯޓުކުރި އެވެ. މީޑިއާތަކުން ފަޅާ އަރުވާލި މިކަން ވެގެން ދިޔައީ ފަރްދީންގެ ކެރިއަރުގެ ނިމުން ކަމަށެވެ. ކޮކެއިން ސްކޭންޑަލްގެ ހޫނުކަން ކެނޑުނުއިރު ފަރްދީންގެ ކެރިއަރުގައި ނިމުމުގެ ސިއްކަ ޖެހިއްޖެ އެވެ.

6
 

ޒައިދު ޚާން

ޒައިދު އަކީ ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ޚާންގެ ދަރިފުޅެކެވެ. ރިތިކް ރޯޝަންގެ ކުރީގެ އަނބިމީހާ ސުޒާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ބޮލީވުޑްގެ ފައިސާވެރި ގަދަރުވެރި އާއިލާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އެހެންކަމުން ފިލްމު އިންޑަސްޓްރީގައި ކުރިއަށް ދާނެ ގިނަ ގުނަ ފުރުސަތުތައް ޒައިދަށް ލިބުނެވެ. ގިނަ ބަޔަކަށް ހީވީ އާއިލާގެ ގަދަރުވެރިކަމާއި މަޝްހޫރުކަމުން އަދި އޭނާއަށް ލިބެމުންދިޔަ ގިނަގުނަ ރޯލުތަކުން ފިލްމު ކެރިއަރުގައި ޒައިދަށް ވަރަށް ދުރަށް ދެވިދާނެ ކަމަށެވެ. ނަމަވެސް އޭނާއަށް ޚިޔާރުކުރެވުނު ފިލްމުތައް ގޯސްވުމުން އެއްގޮތަކަށް ވެސް ކެރިއަރުގައި ކުރިއަށް ދެވޭނެ ގޮތެއް ޒައިދަކަށް ނުވި އެވެ. އޭނާގެ "ރޮކީ"، "ކޭޝް" އަދި "ސްޕީޑް" ފަދަ ފިލްމުތައް ފްލޮޕްވެ ކެރިއަރު ފުން ވަޅުގަނޑަކަށް ވެއްޓުނީ އެވެ. އެ ވަޅުގަނޑުން އޭނާއަށް އަދިވެސް އަރައިގަނެވޭ ގޮތެއް ނުވެ އެވެ.

7
 

އަމަން ވަރުމާ

އަމަން އަކީ ޓީވީގެ ދުނިޔޭގައި ވަރުގަދަ ޝަހްސިއްޔަތެކެވެ. ކުޅަދާނަ އެންކަރެކެވެ. އެހާމެ މޮޅު އެކްޓަރެކެވެ. ވަރަށް ގިނަ ޓީވީ ޝޯތައް އަމަން ހޯސްޓް ކޮށްދީފައި ވެއެވެ. ޓީވީ އިންޑަސްޓްރީން ފުރުސަތު ހޯދައިދޭނެކަމަށް ބުނެ އަންހެންކުދިންގެ ކިބައިން ނާޖާއިޒު ފައިދާތައް އަމަން ހޯދަމުން ދިޔަ ކަން އިންޑިޔާ ޓީވީގެ ސްޓިންގް އޮޕަރޭޝަނެއްގައި ފަޅާ އެރީ އެވެ. މިކަން ވެގެން ދިޔައީ އަމަންގެ ކެރިއަރު ފުނޑުފުނޑުވާން މެދުވެރިވާ ސަބަބަކަށެވެ.

8
 

މަނީޝާ ކޮއިރާލާ

މަނީޝާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅު ވަރަށް ވެސް ކާމިޔާބެވެ. އޭނާގެ ހުނަރާއި ރީތިކަމުގެ ސަބަބުން ވަރަށް ރީތި ގިނަ ފިލްމުތަކެއް ކުޅުމުގެ ފުރުސަތު މަނީޝާ އަށް ލިބުނެވެ. ނަމަވެސް މަޝްހޫރުކަމާއި ފައިސާއަކީ ބައެއް ފަހަރަށް އެ މީހާއަށް އޭނާއަކީ ކާކުކަން އޮޅޭ ކަމެކެވެ. އެގޮތަށް މަނީޝާ އަށް ވެސް އޭނާ އޮޅުނީ އެވެ. އޭނާގެ ކެރިއަރު ފުނޑުފުނޑުވުމުގެ އަސްލަކަށްވީ ބަނގުރަލެވެ. ބަނގުރަލަށް ދެވި ހިފައިގެން ގޮސް އުޅޭ ނޫޅެވޭ ގޮތް ނޭނގޭ ހިސާބަށް މަނީޝާގެ ހާލަތު ދިޔަ އެވެ. ބޮލީވުޑް ބަތަލާގެ އެންމެ ކުރީގައި އުޅުނު މަނީޝާ އަބަދު މަސްތުވެފައި ހުރުމުގެ ސަބަބުން ވަރަށް ގިނަ ފިލްމުތަކެއް ގެއްލެން މެދުވެރިވި އެވެ. އަދި ފިލްމު އިންޑަސްޓްރީން އޭނާގެ ނަން ފަނޑުވެގެން ދިޔައީ އެވެ.