ސަލްމާން ޚާންއާއި އައިޝްވާރިޔާ ރާއީ ބައްޗަންގެ ލޯބީގެ ބަހާރުގައި މާ ފޮޅުނީ ދެހާހުގެ ކުރީކޮޅުގަ އެވެ. އެ ބަހާރަށް ހަރީފުކަން އައީ ވެސް ހަމަ އެދުވަސްވަރު އެވެ. ގާތްގަނޑަކަށް ތިން އަހަރު ރައްޓެހިވެގެން އުޅުމަށްފަހު މި ދެ ތަރިންގެ ގުޅުމުށް ފަސް އެޅުނީ 2002 ގަ އެވެ.
ލޯބިން އުޅުނު މި ދެ ބައިވެރިން ވަކިވެގެން ދިއުމާއެކު އެތައް ބަޔަކަށް ސިހުން ގެނުވި އެވެ. އިންޑިއާގެ ނޫސްތަކުގައި އަހަރެއްހާއި ދުވަސްވަންދެން ބޮޑު ސުރުހީއަކަށް އޮތީ އެ ހަބަރެވެ. މި ބައިވެރިންގެ ގުޅުމަށްވީ ކީހިނެއްތޯ ބެލުމަށް ނޫސްވެރިން އެމީހުންގެ ތަހުގީގުތައް ހިންގި އެވެ. އެކި މީޑިއާތަކުން ތަފާތު ހަބަރުތައް ފެތުރި އެވެ. ނޫސްތަކުގެ ގޮސިޕް ކޮލަމް އޮތީ މި ދެ ތަރިންގެ ވާހަކަތަކުން ފުރި ބަންޑުންވެފަ އެވެ.
ސަލްމާން އާއި އައިޝްވާރިޔާ ލޯބީގެ ގޮތުން ފުރަތަމަ ގުޅުނީ 1999 ގައި އެ ދެ މީހުން އެއްކޮށް ކުޅުނު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ މަސައްކަތުގެ ތެރެއިންނެވެ. އޭގެ ތިން އަހަރު ފަހުން އެމީހުންގެ ގުޅުމަށް ނިމުން އައިކަން އެނގުނީ އައިޝްވާރިޔާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސަލްމާން އޭނާއަށް ޖިސްމާނީ ގޮތުން އަނިޔާ ކުރަމުން އަންނަ ކަމަށް ބުނި ހިސާބުންނެވެ.
މި ގުޅުން ވިހަވީ ހަމަ މި ބުނި ސަބަބާއިހެދި ބާ؟
ރިޕޯޓުތައް ބުނާގޮތުން މި ދެމީހުންގެ ރައްޓެހިވެގެން އުޅޭތާ އަހަރެއްވި ތަނާހެން މައްސަލަޖެހެން ފެށި އެވެ. އޭރު ނޫހަކަށް މައުލޫމާތު ދިން މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި 2001 ވަނަ އަހަރު ނޮވެމްބަރު މަހުގެ ރެއެއްގައި އައިޝްވާރިޔާގެ އެޕާޓްމަންޓަށް ސަލްމާން ގޮސް ވަރަށް ވަރުއަރުވާލި ކަމަށެވެ. ދޮރުގައި ސަލްމާން ތަޅާއި ތަޅާއި އަތުން ލޭ އައިރުވެސް އައިޝްވާރިޔާ ދޮރު ނުހުޅުވި ކަމަށް އެމީހުން ބުންޏެވެ. ދޮރު ނުހުޅުވައިފިނަމަ އަމިއްލައަށް މަރުވާނެ ކަމުގެ އިންޒާރު ސަލްމާން ދިން ކަމަށްވެސްވެ އެވެ. އައިޝްވާރިޔާ އެންމެފަހުން ދޮރު ހުޅުވީ މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނިކޮށެވެ.
"އިންޑިއާ ޓްޑޭ" ނޫހުން އޭރު ރިޕޯޓުކުރި ގޮތުގައި އެ ދެމީހުން ރުޅިވީ އައިޝްވާރިޔާ ކައިރީގައި ސަލްމާން އިންނަން އެހުމުން އޭނާ އެކަމާއި ދެކޮޅު ހެދުމުންނެވެ. އެހާ އަވަހަށް މީހަކާ އިންނަން އައިޝްވާރިޔާ ބޭނުން ނުވީ އެވެ. އެކަމަކު މީޑިއާގައި އައިޝްވާރިޔާ ފެތުރި ވާހަކާގައި ބުނީ ސަލްމާން އޭނާއަށް އަނިޔާކުރާ ކަމަށެވެ.
ސަލްމާން އަނިޔާކުރިކަމަށް ބުނެ އައިޝްވާރިޔާ ދެއްކި ވާހަކަތަކަށް ރައްދުދީ ސަލްމާން ބުނީ އައިޝްވާރިޔާގެ ފަރާތުން ލޯބި ނުލިބޭތީ ބައެއް ފަހަރު ވަރަށް ރުޅިގަދަވާ ކަމަށެވެ. ސަލްމާން ބުނީ، "މައްސަލަ ނުޖެހެންޔާ، އޭގެ މާނައަކީ ދެމީހުންގެ މެދުގައި ލޯތްބެއް ނެތޭ. ނުދަންނަ މީހަކާއި ތޮޅެ ނުހަދާނެ ދޯ. އަހަރެމެން ތޮޅެފައި ހުންނަނީ ލޯބީގެ މައްސަލާގައި."
"އެކަމަކު އަހަރެން ދުވަހަކުވެސް އައިޝްވާރިޔާއަށް އަނިއާޔެއް ކޮށްފައެއް ނުވާނެ. ރުޅި ގަދަވެގެން ވެސް އަމިއްލަ މީހާއަށް އަނިޔާ ކުރަން އެކަމަކު ދުވަހަކުވެސް އެހެން މީހަކަށް އަނިޔާކުރަން ހިތަށްވެސް ނާރުވަން."
އިންޓަވިއުތަކުގައި އައިޝްވާރިޔާ ބުނަމުން އައީ، "އޭނާ އަހަންނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވި. އަހަރެން އެހެން މީހުންނާއި ގުޅުން ބާއްވާކަމުގެ ކުށްޙީތަށްވެސް ކުރި. އަހަންނަށް ޖިސްމާނީ ގޮތުން އަނިޔާވެސްކުރި. އެ ހުރިހާ ކަމެއް ހިނގިއިރުވެސް ސަލްމާންއާއެކު އުޅުނިން. އޭނާއަށް ކުރިމަތިވި އެންމެ ދަތި ވަގުތުގައިވެސް އެކުގައި ހުރިން."
އޭރު ސަލްމާނަކީ ވަރަށް ގަދައަށް ރާ ބޮއެ އުޅުނު މީހެކެވެ. އޭނާގެ އެ ނުރަނގަޅު އާދަވެސް ތަހަމަލުކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ކެއްކޮށްގެން ހުރި ކަމަށް އައިޝްވާރިޔާ ބުންޏެވެ.
މިއީ އެ ދެމީހުން ދެމީހުނަށް މީޑިއާގައި ފެތުރި ވާހަކަތަކެވެ. އެކަމަކު މީޑިއާތަކުން އޭރު ކޮނުނު މައުލޫމާތުތަކުން ހާމަވި ކަމަކީ އެ ދެމީހުން ރުޅިވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ސަލްމާން އޭނާގެ ކުރީގެ ލޯބިވެރިޔާ ނުވަތަ އޭނާގެ "އެކްސް" ސޯމީ އަލީ އާއި ބައްދަލު ކުރަން އެމެރިކާއަށް ދިއުމުންނެވެ. އެމީހުން ގުޅުމަށް އައިޝްވާރިޔާ ނިމުން ގެންނަން ނިންމީ މައިގަނޑު ސަބަބަކީ އެއީ އެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އައިޝްވާރިޔާވެސް އަދި ސަލްމާންވެސް މީޑިއާގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އޭގެފަހުން މިއަދާއި ހަމައަށްވެސް އެ ދެމީހުން މޫނާއި މޫނު ދިމާނުކުރެ އެވެ. އެއްކޮށް ފިލްމަކުން ނޫނީ އިވެންޓަކުންވެސް ނުފެނެ އެވެ. އެ ގުޅުމުން އަރައިގަނެ އައިޝްވާރިޔާ މިހާރު އެހެން މީހަކާއި ކައިވެނިކޮށް ކުއްޖެއްވެސް އެބަހުއްޓެވެ. އެ ޖަރުބާތުން އަދިވެސް އަރައި ނުގަނެވިގެން އުޅެނީ ސަލްމާނަށެވެ.
އައިޝްވާރިޔާއަށްފަހު އިތުރު ބައެއް މީހުނާއި ރައްޓެހިވިނަމަވެސް ކައިވެނިކުރަން އޭނާގެ ހިޔާލުކުރާހެން އަދިވެސް ހިޔެއް ނުވެ އެވެ. ހަގީގީ ލޯބި ނުލިބުމުން ސަލްމާން އެހެން މީހަކާއި އިންނަން ބޭނުން ނުވަނީކަމަށް މީހުން ބުނެ އެވެ.