ބޮލީވުޑް

"ޕަދްމާވަތާއި މަސްތާނީގެ ރޯލު އަސްލު ލިބުނީ އަހަންނަށް"

ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ބަޖިރާއޯ މަސްތާނީ" ގައި ފުރަތަމަ ލީޑު ކުޅެން ހަމަޖެއްސީ އައިޝްވަރްޔާ ރާއީ ބައްޗަން އާއި ސަލްމާން ޚާންކަން އެންމެނަށް ވެސް އިނގެ އެވެ. ބަންސާލީ އެންމެ ފުރަތަމަ އެ ފިލްމު ތައްޔާރުކުރަން އުޅުނީ 2000 ވަނަ އަހަރު އޭނާގެ ކާމިޔާބު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަށްފަހުގަ އެވެ.

ނަމަވެސް އެ ފިލްމުގެ މަސައްކަތް އޭރު ކުރިއަށް ގެންދެވޭނެ ގޮތެއް ނުވި އެވެ. ސަބަބަކަށްވީ އައިޝްވަރްޔާ އާއި ސަލްމާން އެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައުމުންނެވެ. ބަންސާލީ އެންމެފަހުން 2015 ގައި އެ ފިލްމު ގެނެސްދިނީ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންހު އަދި ޕްރިޔަންކާ ޗޯޕްރާ ލީޑަށް ލައިގެންނެވެ.

އެ ފިލްމު ނުހެދުން ނަމަވެސް އޭގެފަހުން ބަންސާލީ ވަނީ އައިޝްވަރްޔާއާއެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ޝާހްރުކް ޚާން އާއި އައިޝްވާރިޔާ ލީޑަށް ލައިގެން ތައްޔާރުކުރި ފިލްމު "ދޭވްދާސް" އާއި ރިތިކް ރޯޝަންއާއި އައިޝްވަރްޔާ ލީޑަށް ލައިގެން ތައްޔާރުކުރި ފިލްމު "ގުޒާރިޝް" އެވެ. އޭގެފަހުން ބަންސާލީގެ ފިލްމެއްގައި އައިޝްވަރްޔާ ފެނިފައެއް ނުވެ އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އައިޝްވަރްޔާގެ އާ ފިލްމު، "ފަންނޭ ޚާން" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ސްޕޯޓްބޯއީގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ "ޕަދްމާވަތީ" އާއި "މަސްތާނީ" ގެ ރޯލު ކުޅުމަށް އެންމެ ފުރަތަމަ ބަންސާލީ ފުރުސަތުދިނީ އޭނާއަށް ކަމަށެވެ.

ބަންސާލީގެ "ޕަދްމާވަތު" ތައްޔާރުކުރީ ލީޑަށް ދީޕިކާ އާއި ރަންވީރް އަދި ޝާހިދު ކަޕޫރް ލައިގެންނެވެ.

"ޕަދްމާވަތްއާއި މަސްތާނީގެ ރޯލު އަސްލު ލިބުނީ އަހަންނަށް. އެ ދެ ފިލްމުގެ މަސައްކަތް ބަންސާލީއާއެކު ކުރަން އަހަރެން ހުރީ. އެކަމަކު ބަންސާލީއަށް އަހަރެންނާއެކު ލީޑު ކުޅޭނެ ފިރިހެން އެކްޓަރަކު ނުހޯދުނު. އެހެން އެކަން ވެގެންދިޔައީ. އަހަރެން ބޭނުން އަދިވެސް ބަންސާލީއާއެކު މަސައްކަތްކުރަން،" އައިޝްވަރްޔާ ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި އައިޝްވަރިޔާ މިހެން ބުނީ ބަންސާލީ އެ ދެ ފިލްމުގައިވެސް އައިޝްވަރްޔާއެކު ލީޑު ރޯލު ކުލެން ސަލްމާން ނޫން އެހެން އެކްޓަރެއް ނަގަން ބޭނުންނުވުމުންނެވެ.