ބަލިވެ އިނދެގެން އުޅޭ ދުވަސްވަރަކީ ގިނަ އަންހެނުންނަށް ރޯލާކޯސްޓާ ރައިޑެއް ފަދަ ކަމެކެވެ. އާދަޔާހިލާފު ކާނާ މާ ގިނަ ގިނައިން ކާ ހިތްވުމާއި މޫޑަށް ބަދަލު އައުން އަދި ނަފްސާނީ މައްސަލަތައް ދިމާވުމާއި ހޮޑު ލެވުން ފަދަ ގިނަ މައްސަލަތައް އެ ދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް ދިމާވެ އެވެ.
ބޮލީވުޑް ބަތަލާއިން ވެސް މިކަހަލަ ވަރަށް ގިނަ ތަޖުރިބާތައް ކޮށްފައި ވެއެވެ. ވަރަށް ހަށިގަނޑަށް ބަލައިގެން ފަލަވާ ކަހަލަ އެއްވެސް އެއްޗެއް ނުކައި އުޅޭ ބަތަލާއިން ވެސް ބަނޑު ބޮޑު ދުވަސްވަރު ހިތު ހުރި އެއްޗެއް ހިތު ހުރި މިންވަރަކަށް ކައި އުޅޭކަން އެމީހުންގެ އިންޓަވިއު ތަކުގައި ބުނެފައި ވެއެވެ.
ބަނޑުބޮޑުއިރު އެންމެ ގިނައިން ކައި އުޅޭ އެއް ބަތަލާ އަކީ ކަރީނާ ކަޕޫރެވެ. "ތުރީ އިޑިއަޓްސް" ގެ ބަތަލާ ބުނެފައިވާ ގޮތުގައި 2016 ގައި އޭނާ އަލަތު ދަރިފުޅު ތައިމޫރަށް ބަލިވެ އިނދެގެން އުޅުނުއިރު އޭނާ ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެން އުޅެވޭތޯ ބެލި އެވެ. އަދި މާ ގިނައިން ނުކައި ވޭތޯ ވެސް ވަރަށް މަސައްކަތް ކުރި އެވެ. ގިނަ އަންހެނުން ބަލިވެ އިނުމާ ގުޅިގެން ހުތް އެއްޗެތި ނުވަތަ ފޮނި އެއްޗެތި މާ ގިނައިން ކާހިތް ވިޔަސް ކަރީނާ ކާހިތްވީ ވަރަށް ތަފާތު އެއްޗެއް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އެއީ ފާގަ އެވެ.
"އަހަރެން ފުރަތަމަ ފަހަރަށް ބަލިވެ އިނދެގެން ކާހިތްވީ ފާގަ. އަހަންނަށް އެނގޭ މިއީ ވަރަށް ތަފާތު އެއްޗެއްކަން. ނަމަވެސް އޭގައި އެ ހުންނަ ހިތި ރަހަ އަހަންނަށް ވަރަށް ކަމުދިޔަ އޭރު. އެންމެން ކިޔާނެ ފާގަ ކާއިރު ކުޑަ ހަކުރު ކޮޅެއް އަޅާށޭ އޭރުން ހިތި ރަހަ ކުޑަވާނޭ. ނަމަވެސް އަހަރެން ކަނީ އެއްވެސް އެއްޗެއް ނާޅާ. އެ ހިތި ރަހަ އަހަންނަށް ކަމުދަނީ ވެސް ބޮޑަށް،" ކަރީނާ ތަންކޮޅެއް ކުރިން ބޭއްވި ފޭސްބުކް ލައިވް ސެޝަނެއްގައި ބުނެފައި ވެއެވެ.
ދެ ވަނަ ފަހަރަށް ބަލިވެ އިނދެގެން އުޅުނުއިރު ކަރީނާ ކާހިތްވީ ބިރިޔާނި އާއި ކަބާބެވެ. އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި ކަރީނާ ޝެއާ ކޮށްފައިވާ ގޮތުގައި ދެ ވަނަ ފަހަރު ބަލިވެ އިނުމުން ގިނަ އަދަދަކަށް ޗޮކްލެޓް ކޭކު ވެސް އޭނާ ކެއެވެ. އަދި ޕިއްޒާ އާއި ޕާސްތާ އަކީ ވެސް ބަނޑުބޮޑުވީމަ ވަރަށް ކާހިތްވާ ކެއުންތައް ކަމަށް އޭނާ ބުންޏެވެ.
އަނުޝްކާ ޝަރުމާ ވަނީ ޖެނުއަރީ 2021 ގައި އޭނާގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ. ކުރިންސުރެ ވެސް މީރު ކެއުމަށް ލޯބިކުރާ އަނުޝްކާ އަށް ބަނޑު ބޮޑުވީމަ އެއްގޮތަކަށް ވެސް ކެއުން ކޮންޓްރޯލް ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ. ޕިއްޒާ އާއި ޕާނީޕޫރީ ވަރަށް ގިނަ އަދަދަކަށް އެ ދުވަސްވަރު ކެވުނު ކަމަށް އަނުޝްކާ ބުންޏެވެ.
ކާޖޮލް ބަނޑު ބޮޑުވީމަ ކާހިތްވީ ސައުތު އިންޑިއާގެ މީރު ކެއުންތަކެވެ. ސައުތު އިންޑިއާގެ މަޝްހޫރު ކެއްކުންތެރިއަކު އެ ގެއަށް ގެންގޮސްގެން ވަރަށް ގިނައިން ކާޖޮލް ތަފާތު ކެއުންތައް ތައްޔާރު ކުރުވި ކަމަށް ވެއެވެ. އަދި މިފަދަ ކެއުންތައް އެކަނި ނުކާން ވެގެން ގާތް އެކުވެރިންނަށް ދައުވަތު ދީގެން ގެނެސް ހުރިހާ އެންމެންނާއެކު މީރު ކާއެއްޗިއްސަށް އިންސާފު ކުރުމަކީ ބަނޑުބޮޑުއިރު ކާޖޮލް ކުރި ކަމެއް ކަމަށް ވެއެވެ.
އައިޝްވަރިޔާ ރާއީ އަށް ބަނޑުބޮޑުވީމަ މީރުވީ ދޯކްލާ އާއި އިމްލީގެ އަސާރަ އެވެ. އޭނާގެ މައިދައިތަ ޖާޔާ ބައްޗަން އެ ދުވަސްވަރު އަމިއްލައަށް ކައްކާފައި އައިޝްވަރިޔާއަށް މީރު އެއްޗެތި ކާން ދިން ކަމަށް ވެއެވެ.
ކޮންކޮނާ ސެން ޝަރުމާ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ހާރޫން އަށް ބަނޑުބޮޑުއިރު އޭނާ ކާހިތްވީ ނޭޕާލީސް ނޫޑްލްސް އެވެ.