ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރު ތިންވަނަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
ކަރީނާއަށް އިތުރު ކުއްޖަކު ލިބެން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފެށީ އޭނާއާއި ފިރިމީހާ ސައިފް އަލީ ހާން މިހާރު ލަންޑަންގައި ޗުއްޓީ ހޭދަކުރަމުން ކަރީނާ ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
ފޮޓޯގައި ކަރީނާގެ ބަނޑު ހުރި ގޮތުން އޭނާ ތިންވަނަ ދަރިފުޅަށް ބަނޑުބޮޑު ކަމަށް ބުނެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ވާހަކަ ވަނީ ސޯޝަލްމީޑިއާގައި ފަތުރާލާފަ އެވެ.
މިކަމާ ގުޅިގެން އިންސްޓަގްރާމުގައި ކަރީނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބަނޑުބޮޑު ކަމަށް ފެންނަނީ ކައިގެން ހުރުމުން ކަމަށެވެ. އަދި އެންމެން ހަމަޖެހުމަށްވެސް އެދިފައިވެ އެވެ.
ފިރިމީހާ ސައިފްއާ ހަވާލާދީ ކަރީނާ އިތުރަށް ބުނީ އިންޑިއާގެ އާބާދީގައި މިހާރުވެސް ވަރަށް ބޮޑަށް ހިއްސާވެވިއްޖެ ކަމަށް ސައިފް ބުނާ ކަމަށެވެ.
ބޮލީވުޑްގެ ތަރިންނާ ހިލާފަށް ސައިފްއާއި ކަރީނާ ފާހަގަކުރެވިފައިވަނީ އެ ދެމަފިރިންނަށް ކުއްޖަކު ލިބޭނެ އެމީހުންނަށް ސަޕޯޓް ކުރާ މީހުންނަށް ދުރާލައި އެ މައުލޫމާތު ހިއްސާކުރާ ދެމަފިރިންގެ ގޮތުގަ އެވެ.
ކަރީނާ އާއި ސައިފްގެ ދެމަފިރިންނަށް ދެ ކުދިން ލިބިފައިވާއިރު ބަނޑުބޮޑު ދުވަސްވަރު ވެސް ކަރީނާ އުޅުނީ އާންމުންނާއި ނޫސްވެރިންނަށް ވަރަށް ބޮޑަށް ފެނިގެންނެވެ.
ސައިފްގެ ފުރަތަމަ ކައިވެންޏަށް ވެސް ދެ ކުދިން ލިބިފައިވާތީ އޭނާ އަށް ބައްޕަ ކިޔާ ހަތަރު ކުދިން އެބަތިއްބެވެ. އެ ކުދިންނާ ވެސް ކަރީނާއާ ގާތްގުޅުމެއް އޮވެ އެވެ.