ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން ލޯބީގެ ގޮތުން ގުޅުނު ވާހަކަ ދެކެވެން ފެށުނުތާ ކުރީކޮޅު ވަރަށް ގިނަ ބަޔަކަށް މި ވާހަކަ ގަބޫލު ކުރަން ދަތިވި އެވެ. ކަރީނާ ރަސްމީކޮށް ޝާހިދު އާ ރުޅިވިކަން އެނގިފައި ނުވާތީ އާއި ސައިފް އާއި ކަރީނާ އެއްގޮތަކަށް ވެސް ނުގުޅޭ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ އެވެ. ނަމަވެސް ދެ މީހުން ރައްޓެހިވެ 2012 ގައި ކައިވެނިކޮށް މިހާތަނަށް ވެސް ވަރަށް އުފާވެރި ދިރިއުޅުމެއް ދަނީ އުޅެމުންނެވެ.
ސައިފް އާއި ކަރީނާ އެކުގައި "އޯމްކާރާ"، "ތަޝަން" އަދި "ގުރުބާން" ގައި މަސައްކަތް ކުރި އެވެ.
ކަރީނާ ތަންކޮޅެއް ކުރިން ދިން އިންޓަވިއު އެއްގައި އޭނާ އާއި ސައިފްގެ ލޯބީގެ ދައުރުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާ ސައިފް ދަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ދައްތަ ކަރިޝްމާ ކަޕޫރާއި ސައިފް އެކުގައި ކުޅުނު "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިންގް ކުރިޔަށް ދިޔަ ދުވަސްވަރު ވެސް އޭނާ އެ ފިލްމު ސެޓަށް ގޮސް އުޅުނު ކަމަށް ކަރީނާ ބުންޏެވެ.
ފަހުން ސައިފް އާއި ކަރީނާ "އޯމްކާރާ" ކުޅުނުއިރު އެކަކު އަނެކަކާ ވާހަކަ ވެސް ނުދައްކާ ކަމަށް ކަރީނާ ބުންޏެވެ.
"އެ ފިލްމު ކުޅުނުއިރު އަހަރެމެން އެއްގޮތަކަށް ވެސް އެކަކު އަނެކަކާ ދިމާލަށް ބަލާވެސް ނުލަން. އޭރު އަހަރެމެން ދެ މީހުން ވެސް ލޯބިވެރިން ތިބި. ސައިފް ސެޓަށް އައިސް ކޮންމެ ދުވަހަކު ގޮވާލާނެ 'ގުޑް މޯނިން މެޑަމް' އޭ. އެ ނިމުނީ އެހިސާބުން. އޭނާއަކީ އެ ކަހަލަ ޝަހްސިއްޔަތެއް. ވަރަށް އިހުތިރާމް ކުރާނެ،" ކަރީނާ ބުންޏެވެ.
އެ ޒަމާނުގައި ވެސް ކަރީނާގެ ހިތް އޮތީ ސައިފަށް ކުޑަކޮށް ލަނބާފަ ކަމަށް އޭނާ އެއްބަސްވި އެވެ.
ކަރީނާ ބުނި ގޮތުގައި ސައިފް އާ ގާތްވާން މަސައްކަތް ކުރީ އޭނާ އެވެ.
"ސައިފް އަކީ އަންހެންކުދިން ފަހަތުން ދުވާ ވައްތަރު މީހެއް ނޫން. ވަރަށް ހަމައެއްގަ ހުންނާނީ. އެހެންވެ އަހަންނަށް ޖެހުނީ އޭނަ ކާމިޔާބު ކުރަން މަސައްކަތް ކުރަން. ދެ މީހުންގެ ލޯތްބަށް އަހަރެން ފުރަތަމަ އިސް ނެގުމުން ވެސް ސައިފް ބުނީ އޭނާއަކަށް ގަބޫލެއް ނުކުރެވެޔޯ ކަރީނާ މިހެން އުޅެފާނެހެނެއް،" ހެމުންހެމުން ކަރީނާ ކިޔައި ދިނެވެ.
ނަމަވެސް ކަރީނާ ކަހަލަ ރީތި އަދި ކާމިޔާބު މީހަކު ފަހަތުން އަޅުވާލުމުން ސައިފަށް ވެސް މާ ގިނަ ދުވަހަކު ނޫން ކަމަށް ހަދައިގެނެއް ނުހުރެވުނެވެ. ދެ މީހުންގެ ލޯބި ފެށި މީޑިއާ އާ ހަމައަށް އެކަން ވަރަށް އަވަހަށް ތިލަ ވިއެވެ. މީޑިއާގައި މި ވާހަކަ ލިޔެވެން ފެށުމުން ވެސް ކަރީނާ އާއި ސައިފް މި ވާޙަކަތައް ދޮގެއް ނުކުރެ އެވެ. ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ މުޅި ދުނިޔެއަށް އެ ވާހަކަ ހާމަކުރި އެވެ.