ފިނިޕޭޖް

ކަރީނާ ކަޕޫރް އިޓަލީގައި މަޖާ ނަގަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް އާއިލާއާ އެކު ޗުުއްޓީއެއްގައި މިވަގުތު ހުރީ އިޓަލީ ގައެވެ.

ކަރީނާ ވަނީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ފިލްމީ ތަރި -- ސައިފް އަލީ ހާންއާ އެކު އިޓަލީގައި ނަގާފައިވާ ފޮޓޯއެއްވެސް އިންސްޓަގްރާމް ސްޓޯރީއަށް ދޫކޮށްލާފަ އެވެ.

ފޮޓޯގައި ކަރީނާގެ ފުރަގަހުން ފެންނަ ވައިލެޓް ކުލައިގެ މާތަކުން ފޮޓޯއަށް ޝައުގުވެރިކަން އިތުރުކޮށްދެ އެވެ. ކެޕްޝަންގައި ލިޔެފައިވަނީ އޭނާ ހުރީ "ސަން ޕެންޓަލޭއޯ، ސާޑެގްނާ، އިޓަލީ"ގައި ކަމަށެވެ.

ކަރީނާ ކަޕޫރުގެ އިންސްޓަގްރާމް ސްޓޯރީ ފުރާލަމުން ދަނީ އިޓަލީ ދަތުރުގެ ފޮޓޯތަކުންނެވެ. ކަރީނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އިންސްޓަގްރާމް ޓައިމްލައިންގައި ތަފާތު މަންޒަރެއް ވެސް ހިއްސާކޮށްފަ އެވެ. މި ސްނެޕްޝޮޓުގައި ކަރީނާ ފެންނަނީ ރީނދޫ ކޯ-އޯޑް ސެޓެއްގައި، ކެމެރާއާ ދިމާއަށް ފުރަގަސްދީގެން ހުއްޓަ އެވެ. ކަރީނާ ކަޕޫރު އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ސްޓޭޓް އޮފް މައިންޑް..." ކަމަށެވެ. އަދި ރެއިންބޯ އިމޯޖީއެއް ހިމަނާފައިވެ އެވެ.

ކަރީނާ ކަޕޫރުގެ ޔޫރަޕްގެ ޗުއްޓީ ދަތުރު ފެށީ އިނގިރޭސިވިލާތުގެ ލަންޑަނުންނެވެ. ލަންޑަނުގައި ކަރީނާ ކަޕޫރު ވަނީ އޭނާގެ އާއިލީ މެންބަރެއް ކަމަށްވާ އަދި ފިލްމީ ތަރި ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ އަނަންދު އަހޫޖާގެ އިތުރުން ރިއާ ކަޕޫރާ އެކުވެސް ވަގުތު ހޭދަކޮށްފަ އެވެ.

ކަރީނާ ކަޕޫރު އެންމެ ފަހުން ފެނިފައިވަނީ އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްދާ" އިންނެވެ. އޭނާގެ ގިނަ ފިލްމުތަކެއް ކުރިއަށް ވެސް ހުރިއިރު މީގެތެރޭގައި ވިޖޭ ވަރްމާ އާއި ޖައިދީޕް އަހުލާވަތު ކޯ ލީޑް ރޯލުން ފެނިގެންދާ ދަ ޑިވޮޝަން އޮފް ސަސްޕެކްޓް އެކްސް ވެސް ހިމެނެ އެވެ. ހަންސަލް މެހެތާގެ "ދަ ބަކިންހަމް މާޑާސް" އިން ވެސް ބަތަލާ ފެނިގެންދާނެ އެވެ. ރިއާ ކަޕޫރުގެ "ދަ ކްރޫ" ގައިވެސް ބަތަލާ ފެނިގެންދާނީ ތަބޫ، ކްރިތީ ސަނޯން އަދި ދިލްޖިތު ދޮސާންޖްއާ އެކުގަ އެވެ.