ކަރީނާ ކަޕޫރު

ކަރީނާއާ ސައިފަށް އިތުރު ދަރިއަކު ލިބެނީ

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަކީ ވެސް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބެމުންދާ ކުއްޖެކެވެ. މިހާރު ތައިމޫރު ބޭބެ އަކަށް ވާން ވަނީ ތައްޔާރުވެފަ އެވެ. ކަރީނާ އާއި ސައިފް އަށް ދެ ވަނަ ދަރިއަކު ލިބެން އުޅޭތީ އެވެ.

ކަރީނާ ދެވަނަ ކުއްޖަކަށް ބަލިވެ އިންކަން ޔަގީން ކޮށްދީ ސައިފް އާއި އޭނާގެ ފަރާތުން މިހާރު ވަނީ ރަސްމީ ބަޔާނެއް ނެރެފަ އެވެ.

"އަހަރެމެންގެ އާއިލާ އަށް އިތުރު މެހެމާނަކު އަންނަން އުޅޭ ކަމުގެ އުފާވެރި ޚަބަރު ހެޔޮ އެދޭ އެންމެންނާ ހިއްސާ ކޮށްލަން. އަބަދުވެސް އަހަރެމެންނަށް ދެމުންދާ ލޯތްބާއި ހެޔޮއެދުންތަކަށް ޝުކުރިއްޔާ،" މި ބަޔާނުގައި ބުނެފައި ވެއެވެ.

ކަރީނާ މިހާރު ސޮއި ކޮށްފައި އަދި ކުޅެމުންދަނީ އެންމެ ފިލްމެކެވެ. އެއީ އާމިރު ޚާނާއެކު ކުޅޭ "ލާލް ސިންގް ޗައްޑާ" އެވެ. މި ފިލްމުގެ ބައެއް ފެބްރުއަރީ އާއި މާޗް މަހު އިންޑިޔާގެ ބައެއް ރަށްތަކުގައި ވަނީ ޝޫޓްކޮށްފަ އެވެ. އަދި ފިލްމުގެ ބަތަލު އާމިރު ޚާނާއި ކުރޫން މި ވަގުތު ތިބީ ބާކީ ބައި ޝޫޓް ކުރަން ތުރުކީ އަށް ގޮހެވެ. މި ދަތުރުގައި ކަރީނާ ބައިވެރިއެއް ނުވެ އެވެ.

ފިލްމުން ކަރީނާ ކުޅެން އޮތް ބައި ޝޫޓް ކޮށް ނިމުނީ ކަމެއް ނުވަތަ އެ ބަޔަށް ހަދާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ. ފަހަރެއްގައި ބަލިވެ އިނދެ ކުރީކޮޅު ވީމަ ކަރީނާ މި އަވަހަކަށް އޭނާ ކުޅެން ޖެހޭ ބައި ފުރިހަމަ ކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

"ލާލް ސިންގް ޗައްޑާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ. ވީމާ ކަރީނާގެ ބައި އޭނާ ވިހާ ގަދަވަންދެން ބޭއްވުމަކީ ވެސް ވެދާނެ ގޮތެވެ.