ސައިފް އަލީ ޚާން

ބޮޑު ސިއްރެއް ސައިފް ހާމަކޮށްފި

ދުނިޔޭގެ ސޯޝަލްމީޑިއާ ދުވަހާ ގުޅުވައިގެން ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން އޭނާގެ ބޮޑު ސިއްރެެއް ހާމަކޮށްފި އެވެ.

އެގޮތުން މިއަދު ފާހަގަކުރާ ސޯޝަލްމީޑިއާ ދުވަހާ ގުޅިގެން ސައިފް ބުނީ އިންސްޓަގްރާމްގައި އޭނާ ސިއްރު އެކައުންޓެއް ގެންގުޅޭ ކަމަށެވެ.

ސައިފް އަކީ އެހެން މަޝްހޫރު ތަރިންނާ ހިލާފަށް ސޯޝަލް މިޑިއާގައި އާންމުންނަށް އެނގޭ ގޮތަށް ސޯޝަލްމީޑިއާ އެކައުންޓެއް ގެންގުޅޭ މީހެއް ނޫނެވެ.

"އަހަރެންގެ ފޯނުގައި އިންސްޓަގްރާމް އެޕް އިނދޭ، އިންސްޓަގްރާމް ދޭތެރެއަކުން ބަލާލަން އެކަމަކު އަަހަރެންނަށް އެހާ ކަމުދާ އެއްޗެއް ނޫން އެއީ،" ސައިފް ބުންޏެވެ.

އޭނާ ބުނީ އިންސްޓަގްރާމް ކުޑަކޮށް ބަލާލުމަށްފަހު ކޮންމެ ފަހަރަކުވެސް އެ އެޕްލިކޭޝަން ޑިލީޓްކޮށްލަން އަމިއްލަ ނަފްސަށް އިރުޝާދު ދެވޭ ކަމަށާއި ނަމަވެސް އެކަން އަދި ނުކުރެވޭ ކަމަށެވެ.

ސައިފް ބުނީ ސޯޝަލްމީޑިއާއިން ދުރުވެގެން ހުންނަނީ އޭނާގެ ބުރަސޫރަ އޮންލައިންކޮށް ޕްރޮމޯޓް ކުރަން ބޭނުން ނުވާތީ ކަމަށެވެ. އަދި ސޯޝަލްމީޑިއާގައި އޭނާ ނޫޅޭތީވެ އެހެން މީހުންގެ އެއްޗެއް ޕްރޮމޯޓް ކުރަން އެއްވެސް މީހަކު ނުބުނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ސައިފް ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން އެހެން މީހުންގެ އެއްޗެހި ޕްރޮމޯޓު ކުރުމަށް ކޮންމެހެން ޖެހޭ ދަނޑިވަޅެއްގައި ތާށިވާކަށް، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ނެތުމުން ވަރަށް މަޑުމައިތިރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭ،" ސައިފް ބުންޏެވެ.

ސޯޝަލްމީޑިއާގައި ސައިފް ނޫޅުނު ނަމަވެސް އޭނާގެ އަންހެނުން އަދި ބޮލީވުޑްގައި އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ކަރީނާ އަކީ ސޯޝަލްމީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ.