ބޮލީވުޑް

ގޭންގަކުން ވިކީއަށް ހަމަލާ ދޭން މަސައްކަތްކޮށްފި

ބޮލީވުޑްގައި ގަދަކުރަމުން އަންނަ ވިކީ ކޯޝަލް އަށް ގޭންގަކުން ހަމަލާ ދޭން މަސްއްކަތް ކޮށްފި އެވެ.

ވިކީ މި ވާހަކަތައް ހިއްސާކުރީ އޭނާ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ "ގޭންގްސް އޮފް ވަސީޕޫރު" ކިޔާ ފިލްމެއްގެ ޝޫޓިން ކުރިއަށް ދަނިކޮށް ދިމާވި ހާދިސާތަކެއް ހިއްސާކުރަމުންނެވެ.

ވިކީ ބުނީ އެ ފިލްމުގައި ބޭނުންކުރުމަށް ބަޔަކު ގާނޫނާއި ހިލާފަށް ބޯޓު ދެލި އެތެރެ ކުރާ ހަގީގީ މަންޒަރެއް ރެކޯޑްކުރި ކަމަށެވެ. ވީޑިއޯ ނެގުމާ އެކު އެކަހަަލަ މަސައްކަތް ކުރާ ބޮޑު މާފިއާ އަކަށް ނިސްބަތްވާ 500 އެއްހާ މީހުން އޭނާ އަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހިސާބުން މި ވިޔަފާރީ ފުޅާވެ މޫލާފައި އޮތްވަރު ވިސްނުނު ކަމަށްވެސް ބުންޏެވެ.

"އެތަނުގައި ހުރީ ހަމައެކަނި ދެ ޓްރަކެއް ނޫން. 500 އެއްހާ ޓްރަކް. މިއީ ރަނގަޅަށް ހަލުވިކަމާއެކު ހިންގާ ވިޔަފާރިއެއްކަން މިކަމުންވެސް އެނގިގެންދޭ،" ވިކީ ބުންޏެވެ.

އޭނާ ބުނީ އެ ވީޑިއޯ ސިއްރުން ރެކޯޑް ކުރަމުން ދަނިކޮށް ބަޔަކަށް އެކަން ފާހަނގަވުމުން އިރުކޮޅެއްގެ ތެރޭގައި 500 އެއްހާ މީހުން އެ މީހުން ވަށާލި ކަމަށެވެ.

ވިކީ ބުނީ ވީޑިއޯ ކުރަނީ ކަމަށް ގޭންގް މީހުންނަށް ހީވީ އެތަނުގައި ހުރި ކެމެރާ އެޓެންޑަންޓް ފޯން ކޯލެއް ކުރުމުން ކަމަށެވެ. އެ މީހުންނަށް ހީވީ އެއީ ނުފޫޒުގަދަ މީހަކަށް ގުޅައި މައްސަލަ ރިޕޯޓް ކުރަނީ ކަމަށް ކަމުގައިވެސް ބުންޏެވެ. އެ މީހުން އައިސް ކެމެރާމަންގެ ގައިގައި ތަޅައި، އޭނާގެ އަތުން ކެމެރާ ފޭރިގަނެ، ކެމެރާ ހަލާކުކޮށްލާނެ ކަމުގެ އިންޒާރުވެސް ދިން ކަމަށް ބުންޏެވެ.

"އަހަރެމެން ދެމީހުންނަށް ހަމަ ކިރިޔާ ބޮޑު ހަމަލާއެއް ނުލިބުނީ. އަހަރެމެން ކޮންމެވެސް ގޮތަކުން އެތަނުން ނުކުމެގެން ފުރާނަ ސަލާމަތްވީ،" ވިކީ ބުންޏެވެ.