ބޮލީވުޑް

އައިޝްވަރިޔާ އަށް 47 އަހަރު، އަދިވެސް އެހާ ރީތި

ރީތިގެ ރާނީ އަދި ބޮލީވުޑް ބަތަލާ އައިޝްވަރިޔާ ރާއީ ބައްޗަންގެ 47 ވަނަ އުފަން ދުވަސް މިދިޔަ އާދިއްތަ ދުވަހު ވަނީ ފާހަގަ ކޮށްފަ އެވެ. އުމުރުން 47 އަހަރު ވިޔަސް އަދިވެސް އައިޝްވަރިޔާ ހީވަނީ 25 ވަރަކަށް އަހަރުގެ ޒުވާން ކުއްޖެއް ހެނެވެ. އުމުރަކީ އޭނާގެ ޒުވާން ކަމާ އަޅާ ބަލާއިރު ހަމައެކަނި އަދަދެކެވެ.

އައިޝްވަރިޔާ ދުނިޔޭގެ ގިނަ ބަޔަކަށް ފާހަގަ ކުރެވުނީ 1994 ގައި ބޭއްވި މިސް.ވޯލްޑް މުބާރާތުގެ ފަޚުރުވެރި ތާޖު އޭނާގެ ބޮލުގައި ބަހައްޓާލި ވަގުތު އެވެ. އޭނާގެ ފަހުން 1997 ގައި އޭނާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި އެވެ. އެގޮތުން އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ ބޮބީ ޑެއޯލް އާއެކު ކުޅުނު "އައުރް ޕިޔާރް ހޯގަޔާ" އެވެ.
ހަމަ އެ އަހަރު ތަމަޅަ ސިނަމާއަށް ވެސް އޭނާ ތައާރަފްވި އެވެ. "އިރުވަރު" ކިޔާ ފިލްމަކުންނެވެ.

"ދުނިޔޭގެ އެންމެ ރީތި އަންހެނާ"ގެ ގޮތުގައި ވަރަށް ގިނަ މީހުން މިހާރުވެސް ސިފަ ކުރާ އައިޝްވަރިޔާގެ ރީތިކަމުގެ އެންމެ ޚާއްސަ އެއް ސިފަ އަކީ އޭނާގެ ދެލޮލެވެ. ބައެއް ފަހަރު ނޫކުލަ އަނެއް ބައި ފަހަރު ފެހި ކުލަ އަރާ މި ލޮލަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ ލޮލެކެވެ.

"ދޭވްދާސް"ގެ "ޕާރޯ" އިން ފެށިގެން "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ ނަންދިނީގެ ރޯލާ ހަމަޔަށް އަދި "މޮހައްބަތޭން"ގައި ކުޅުނު މެގާ ކިޔާ ޚިޔާލީ އަންހެންކުއްޖެއްގެ ރޯލާ ހަމަޔަށް ވަރަށް ފާހަގަ ކޮށްލެވޭ މޮޅު ފިލްމުތަކެއް އައިޝްވަރިޔާ ވަނީ ކުޅެފަ އެވެ.

އަދި ހޮލީވުޑްގެ ބައެއް ފިލްމުތައް ކަމަށްވާ "ޕްރައިޑް އެންޑް ޕްރެޖުޑިސް" އާއި "ޕްރޮވޯކްޑް" ގައި ވެސް އައިޝްވަރިޔާ ބައިވެރިވި އެވެ.

ނަމަވެސް އައިޝްވަރިޔާ ހޮލީވުޑްގައި ބޮޑަށް މަޝްހޫރުވީ އޭނާއަށް ލިބުނު ވަރަށް ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް ނުކުޅެ ދޫކޮށްލި އެކްޓަރެއްގެ ގޮތުގަ އެވެ. ބްރެޑް ޕިޓްގެ "ޓްރޯއީ" އޭނާ ކުޅެން އެއްބަސްނުވީ އޭގައި ހުރި ބައެއް ގައިގޯޅި މަންޒަރުތައް ކުޅެން ހިތްހަމަނުޖެހިގެންނެވެ. އަދި މަޝްހޫރު އެކްޓަރު ވިލް ސްމިތު ހުށަހެޅި "ހިޗް"، "ސެވަން ޕައުންޑްސް" އަދި "ޓުނައިޓް ހީ ކަމްސް" ކުޅެދޭން ވެސް އައިޝްވަރިޔާ ވަނީ ދެކޮޅުހަދާފަ އެވެ. ގައިގޯޅި މަންޒަރުތައް ގިނަ ކަމުންނެވެ.

އައިޝްވަރިޔާގެ ރީތި ކަމަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި އޭނާ އަށް ރަނގަޅު މަގާމެއް ހޯދުނު ސަބަބަށް ވިޔަސް ކްރިޓިކްސް ވަރަށް ގިނައިން އައިޝްވަރިޔާގެ ފިލްމުތަކުގައި އޭނާގެ އެކްޓިން ދަށްކަމަށް ބުނެ އޭނާ އަށް ފާޑު ކިޔަމުން ދިޔަ އެވެ. މިއީ އާދަޔާޚިލާފަށް ރީތި ބަތަލާއިންނަށް ވަރަށް ގިނަ ފަހަރަށް ދިމާވާ މައްސަލައެކެވެ. އެމީހުންގެ ރީތިކަމުގެ ސަބަބުން އެކްޓިން އަށް ހިޔަނި އެޅެނީ އެވެ.
ވަރަށް ކާމިޔާބު އަހަރުތަކެއް ފިލްމު އިންޑަސްޓްރިގައި ހޭދަކުރުމަށްފަހު 2007 ގައި އައިޝްވަރިޔާ ވަނީ ފިލްމީ ތަރި އަބީޝެކް ބައްޗަން އާ ކައިވެނި ކޮށްފަ އެވެ. އަދި މި ދެ މީހުންނަށް މިހާރު އަންހެން ދަރިއަކު ލިބިފައި ވެއެވެ.
ކައިވެންޏަށްފަހު އައިޝްވަރިޔާ ވަނީ ފިލްމު ކުޅުން ވަރަށް ބޮޑަށް މަދުކޮށްލާފަ އެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރަން ބޭނުންވާތީ އެވެ.

އޭނާ އެންމެފަހުން ކުޅެފައިވަނީ 2018 ގައި ނުކުތް "ފަންނޭ ޚާން" އެވެ. އަދި މިހާރު ކުޅެން އެއްބަސްވެފައިވަނީ އެންމެ ފިލްމެކެވެ. އެއީ ޑައިރެކްޓަރު މަނީ ރަތުނަމްގެ "ޕޮންނިޔިން ސެލްވަން" އެވެ.
އައިޝްވަރިޔާގެ އުފަން ދުވަހުގެ ތަހުނިޔާ ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ދަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުން ފޮނުވަމުންނެވެ.