ބަތަލާ އައިޝްވަރިޔާ ރާއީ އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ ސްކްރީން ގުޅުން ފެށިގެން ދިޔައީ 1999 ގައި ރިލިޒްކުރި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގެ މަސައްކަތް ފެށުމުގާ އެކުގަ އެވެ. އައިޝްވަރިޔާއަކީ ހަމަ އެކަނި ރީތި މޫނެއްގެ ވެރިއެއް ނޫންކަމާއި މޮޅު ޑައިރެކްޓަރެއް ލިބިއްޖެނަމަ މޮޅަށް ޕާފޯމްކުރާ މޮޅު ބަތަލާއެއްކަން މި ފިލްމުން ސާބިތުވި އެވެ. އަދި ބާންސާލީ އާއި އައިޝްވަރިޔާގެ މެދުގައި ވަރަށް ގާތް އެކުވެރިކަމެއް މި ފިލްމުގެ ސަބަބުން އުފެދުނެވެ.
ބާންސާލީގެ "ދޭވްދާސް" އާއި "ގުޒާރިޝް"ގައި އައިޝްވަރިޔާ ބައިވެރިވުމާއި މި ނޫނަސް ބާންސާލީ އުފެއްދި ގިނަ ފިލްމުތަކެއް ފުރަތަމަ އައިޝްވަރިޔާއަށް ހުށަހަޅާފައިވުން މި ދެ ފަންނާނުންގެ އޮތް ގާތް ގުޅުމެއްގެ ރަމްޒަކަށް ފުދެ އެވެ.
ބާންސާލީ އުފެއްދި "ޕަދުމާވަތު" އާއި "ބާޖީރާއޯ މަސްތާނީ" އަށް ވެސް އޭނާ ބޭނުންވީ އައިޝްވަރިޔާ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އޭނާ މި ފިލްމުތައް ގަބޫލު ނުކުރުމުން ދިޕިކާ ޕަދުކޯން އަށް ލިބުނީ އެވެ.
އައިޝްވަރިޔާ އާއި ބަންސާލީގެ ފުރަތަމަ ބައްދަލުވީ ގޮތާއި އެ ބައްދަލުވުމުގައި ކަން ވީގޮތް ބާންސާލީގެ ފިލްމްފެއާ އިންޓަވިއު އެއްގައި ކިޔައިދީފައި ވެއެވެ. އޭނާ މީގެ އެތައް އަހަރެއް ކުރިން ދީފައިވާ މި އިންޓަވިއުގައި ބާންސާލީ ބުނީ އައިޝްވަރިޔާ ފުރަތަމަ ފަހަރަށް ހަމަ ލޮލުން ފެނުނީ އާމިރު ޚާނާއި ކަރިޝްމާ ކަޕޫރުގެ "ރާޖާ ހިންދުސްތާނީ"ގެ ސްކްރީނިން އޮތް ރޭ ކަމަށެވެ. އަދި ފުރަތަމަ އައިޝްވަރިޔާ ފެނުނު ފަހަރު ވެސް އޭނާގެ ދެލޮލުގެ ޖާދޫގައި ބާންސާލީ ރަނގަޅަށް ޖެހުނުކަމަށް އޭނާ އެއްބަސްވެފައި ވެއެވެ.
"އޭނާގެ (އައިޝްވަރިޔާގެ) ލޮލުގައި ކޮންމެވެސް ކަހަލަ ޚާއްސަ ކަމެއް ހުރޭ. އައިޝްވަރިޔާގެ ރީތިކަމުގައިވެސް އެންމެ މުހިއްމު ދައުރެއް ކުޅެނީ އޭނާގެ ދެ ލޯ. އެއީ އާދައިގެ ލޮލެއް ނޫން. އެއްވެސް ޑައިލޯގެއް ނުކިޔަސް އެ ދެލޮލުގެ ބާރުން އޭނާ ބުނަން ބޭނުންވާ ވާހަކައެއް ބެލުންތެރިންނާ ހަމައަށް ވާސިލުވޭ. އެފަދަ ލޮލެއް އަހަންނަށް މީގެ ކުރިން ފެނިފައިވަނީ ހެމާ މާލިނީ އާއި ލަތާ މަންގޭޝްކަރްގެ. ފުރަތަމަ ބައްދަލުވުމުން ވެސް އެ ދެލޮލުން އަހަންނަށް ފުން އަސަރުތަކެއް ކުރުވި،" ބާންސާލީގެ އިންޓަވިއުގައި ބުނެފައި ވެއެވެ.
ބާންސާލީ ގޮތުގައި "ރާޖާ ހިންދުސްތާނީ"ގެ ސްކްރީނިން ނިމުމުން އައިޝްވަރިޔާ އައިސް އޭނާއާ ބައްދަލުކޮށް ސަލާން ކުރި އެވެ. އަދި އޭނާގެ "ޚާމޯޝީ" ވަރަށް ރީތިވިކަމަށް ބުންޏެވެ.
"އަހަރެންގެ އަތާއި އޭނާގެ އަތް ބައްދަލުވީ ވަގުތު އެ ދެ ލޮލުގައި ހުރި ޖާދޫ އަހަންނަށް ފެނުނު. އެ ދުވަސްވަރަކީ އަހަރެން 'ހަމް ދިލް ދޭ ޗުކޭ ސަނަމް"ގައި ނަންދިނީގެ ރޯލު ކުޅޭނެ ބަތަލާއެއް ހޯދަމުން ދޔަ ދުވަސްވަރުކަމުން އަހަރެންގެ ހިތާ ހިތާ ވަގުތުން ބުނެވުނު މިއީ އޭ އަހަރެންގެ ނަންދިނީ،" ބާންސާލީ ބުންޏެވެ.
ބާންސާލީ ބުނި ގޮތުގައި ނަންދިނީގެ ރޯލަށް އައިޝްވަރިޔާ ލާން އުޅޭކަން އެނގިގެން ބައެއް މީހުން އޭނާއަށް އެކަން ނުކުރުމަށް ވެސް މަޝްވަރާ ދިނެވެ. ސަބަބަކީ އައިޝްވަރިޔާ އަކީ މިސް.ވޯލްޑްގެ މަގާމު ހޯދާފައިވާ ރީތީގެ ރާނީއަކަށް ވެފައި އޭނާގެ މޫނުގައި މާ ހުޅަނގުގެ ގޮތް ހުރުމުންނެވެ. ނަންދިނީގެ ކެރެކްޓާއަކީ ވަރަށް އިންޑިޔާ ވަންތަ އަންހެންކުއްޖަކަށް ވުމާއެކުގަ އެވެ.
"ނަމަވެސް އަހަރެން ހިތަށް އެރި އޭނާގެ އިސްތަށިގަނޑު މައްޗަށް ނަގައި ގަތާލައިގެން ވަރަށް ޓްރެޑިޝަނަލް ސިފަޔަކަށް އޭނާގެ ސިފަ ބަދަލު ކުރެވިދާނޭ. އެގޮތަށް ވިސްނާފަ އެ ފިލްމަށް އައިޝްވަރިޔާ ނެގީ،" ބާންސާލީގެ އިންޓަވިއުގައި ވެއެވެ.
މިދިޔަ ހުކުރުދުވަހު ވަނި "ހަމް ދިލް ދޭ ޗުކޭ ސަނަމް" ރިލީޒްކުރިތާ 22 އަހަރު ފުރުން ފާހަގަކޮށްފަ އެވެ. މި މުނާސަބަތަކާ ގުޅުވައިގެން ފިލްމުގެ ބައިވެރިން އެމީހުންނަށް ފިލްމާ ގުޅޭ ގޮތުން ކުރެވުނު ތަފާތު ތަޖުރިބާތައް ވަނީ ސޯޝަލް މީޑީއާގައި ޝެއާކޮށްފަ އެވެ.
އައިޝްވަރިޔާ އާއި ސަލްމާން ޚާންގެ މެސެޖުތަކުގައި ބާންސާލީގެ މޮޅު ކަމާއި ކުޅަދާނަކަމަށް ހިފެހެއްޓުމެއް ނެތް ތައުރީފުކޮށްފައިވާ އަޖޭ ދޭވްގަންގެ މެސެޖުގައި ބުނެފައިވަނީ ފިލްމުގެ މަސައްކަތް ކުރިއިރުވެސް އެއީ ޒަމާންތަކަކަށް ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގޭނެ ފިލްމެއް ކަން އޭނާ އާއި ސަލްމާން، އަދި ބާންސާލީ އާއި އައިޝްވަރިޔާ އަށް ވެސް އެނގޭ ކަމަށެވެ.